ރާއްޖޭގެ ހާފިޒުންގެ އަދަދު 322 އަށް އަރާފައިވާ ކަމަށާއި، ރާއްޖޭގެ ހާފިޒުން އިތުރުވަމުން ދާ ކަމީ އުފާވެރި ކަމެއް ކަމަށް އިސްމީ ކަންތަކާއި އައުގާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ރާއްޖޭގެ ހާފިޒުން އިތުރުވަމުން ދާ ކަމީ އުފާވެރި ކަމެއް ކަމަށާއި، ވަކިން ޚާއްސަކޮށް ޒުވާނުން ޤުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަޤްބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށެވެ.
މި ވަގުތާ ހަމައަށް ރާއްޖޭގެ ހާފިޒުންގެ އަދަދު 322 އަށް އަރާފައިވާ ކަމަށެވެ. އަދި އަންނަ ރޯދަ މަހު، މާތް ﷲ އިރާދަކުރެެއްވިއްޔާ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހާފިޒުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދޭ ކަމަށާއި، އަމާޒުކަމަކީ މި ދައުރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500 އަށް އެރުވުން ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ހާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް އިތުރުކުރައްވާފައިވުމުގެ އިތުރުން ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައްވަނީ ފުޅާކޮށްފަ. ކަމަށެވެ.
މިވަގުތާ ހަމައަށް ރާއްޖޭގެ ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތު ދަސްކުރަމުން މިހާރުވެސް ގެންދާ ކަމަށާއި، އެންމެ ގިނަ ދަރިވަރުން ދަސްކުރަމުންދަނީ ޤުރުއާނާ ބެހޭ މަރުކަޒުގައާއި އިލްމު އިންސްޓިޓިއުޓްގަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިހާރުވާނީ 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޢަމަލީ ގޮތުން ހިންގަން ފަށާފަ ކަމަށެވެ. އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިތުރު 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެެހެންކަމުން އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ތެރޭ ހުރިހާ ރަށަކަށް މި މަޝްރޫޢު ގެންދިއުން. ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.
ރަށް ރަށުގައި ހިންގާ ޤުރްއާން މަރުކަޒުގެ ގޮފިތަކުގައި އިމާމުންނަށް ވެސް ޤުރްއާން ކިޔަވައި ދިނުމުގެ މަސްއޫލިއްޔަތު ވަޒީފާ ބަޔާނަށް ދަނީ އިތުރުކުރަމުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

.jpg&w=256&q=75)
