logo

ފައިސަލް ނަސީމްގެ ރިޔާސީ ކެމްޕެއިން އިއުލާންކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގަ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވަން އެމްޑިޕީގެ ފަރާތުުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާން ކުރައްވާފައިވާއިރު، ފައިސަލަށް ރިޔާސީ ޓިކެޓް ލިބިއްޖެ ނަމަ އޭނަ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނަވާނީ މިހާރު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި އާޒިމް އާދަމެވެ.

ފައިސަލް ނަސީމް ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބަށް ނުކުންނަންވަން ތައްޔާރަށް ހުރި ކަމަށާއި، މި ނިންމެވުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާއެކު، ޕާޓީގެ އިސް ފަރާތްތަކާއި އާންމު މެންބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އެހެން ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދު ހިމެނިވަޑައިގަނެ އެވެ.

މިހާ ހިސާބަށް އާދެވުނުއިރު އެފާޓީން ވަނީ ޕްރައިމަރީގައި ވާދަކުރައްވަން 4 ފަރާތަކުން އިއުލާން ކުރައްވާފައެވެ.

ރިޔާސީ އިންތިހާބު ޕާޓީން ނެރޭނެ ކެންޑިޑޭތަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ކުރިއަށްދާނެ ވަކި ތާރީހެއް އަދި އެ ޕާޓީން ހާމަ ނުކުރައްވައެވެ.

ad