ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކަސްޓަމަރުން ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށްޓަކައި، ބޭންކުގެ މޮބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ އަށް އަޕްޑޭޓް ގެނެސް 'އާޔާ' އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ މި އަޕްޑޭޓްއާއެކު "އާޔާ" މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް އަވަސް ހައްލެއް ލިބި، ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި "އާޔާ" މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާއި މިއީ ކަސްޓަމަރުންނަށް ބޭނުންވާ ހާއްސަ އެހީތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ބަދަލާއެކު، މޮބައިލް ބޭންކިން އެޕް އަދި އިންޓަނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުންކުރަމުން އައި މެސެޖިން ފީޗާ މެދުވެރިކޮށް ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުން މެދުކަނޑާލެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިއީ އެ ބޭންކްގެ ޑިޖިޓަލް ބޭންކިން ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.

