logo

ރިޕޯޓް:ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަަށް ދިނުން - ދިވެހިން ކަންބޮޑުވަނީ ކީއްވެ؟

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
16 ގަޑިއިރު ކުރިން

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބިންމަދުކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ޤައުމީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ "ރަސްމާލެ މަޝްރޫޢު" ވަނީ ފެށިފައެވެ. ގިރާވަރު ފަޅު ހިއްކައިގެން ބިނާކުރާ ރަސްމާލެ އަކީ މާލެއާއި އަތޮޅުތެރޭގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ގެނެސްދީ، ދިވެހިންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭނެ ކަމަށް ބެލެވޭ މަޝްރޫޢެކެވެ. ނަމަވެސް، މި މަޝްރޫޢު، ޔޫ.އޭ.އީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކުރުމާ ގުޅިގެން، ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ.

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަަށް ދިނުމުން ދިވެހިން ކަންބޮޑުވަނީ ކީއްވެ؟

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއާ ހަވާލުކުރުމާ ގުޅިގެން ދިވެހިންގެ މެދުގައި އެންމެ ބޮޑަށް ކަންބޮޑުވުން އުފެދިފައިވާ އެއް ސަބަބަކީ، މި މަޝްރޫޢުގެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ ތަފްޞީލުތައް ސަރުކާރުން ހާމަކޮށްފައި ނުވުންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، ބިނާކުރުމާއި، މިލްކުވެރިކަން ދޫކުރާނެ ގޮތާއި، އީގަލް ހީލްސްއަށް ލިބޭނެ ފައިދާގެ މިންވަރާއި، ދިވެހި ސަރުކާރަށް ލިބޭނެ ފައިދާގެ މިންވަރު މުޅިން ސާފުނުވާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އޭގެ އިތުރުން، ބިން 99 އަހަރަށް ބޭނުންކުރުމުގެ ހައްޤު ބޭރުގެ ފަރާތަކަށް ދިނުމަކީ ޤައުމީ ސިޔާދަތަށް އޮތް ނުރައްކަލެއްކަމަށް ބުނާ ފަރާތްތައްވެސް މަދެއް ނޫނެވެ.

އެހެންމަވެސް ރަސްމާލެ މަޝްރޫޢުން ދިވެހިރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމީވެސް ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި، ރަސްމާލެއަކީ "ސްމާޓް ސިޓީ" އެއްގެ ގޮތުގައި ތަރައްޤީ ކުރެވޭ ތަނަކަށްވުމުން، ޒަމާނީ ހިދުމަތްތަކާއި، ފަސޭހަ ދިރިއުޅުމުގެ މާހައުލެއް ޤާއިމުވެގެންދާނެއެވެ. އިޤްތިޞާދީ ކުރިއެރުމަށް ބަލާއިރު، މިފަދަ ބޮޑު މަޝްރޫޢެއްގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ލިބި، އިޤްތިޞާދަށް ކުރިއެރުން ލިބޭނެއެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާއާއި އެނޫންވެސް ގިނަ ދާއިރާތަކުން ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެއެވެ. ބޭރުގެ ކުންފުނިތަކާއެކު މަސައްކަތްކުރުމުގެ ސަބަބުން، ދިވެހިންގެ ތެރޭގައި ހުނަރުވެރިކަން އިތުރުވެ، އަލަށް ތަޢާރަފުވާ ޓެކްނޮލޮޖީތަކުގެ ފައިދާ ވެސް ލިބިގެންދާނެއެވެ.

މި ފައިދާތަކާއެކު ވެސް، މިކަމުގައި ކަންބޮޑުވުން ފާޅުކުރަމުންދާ ފަރާތްތަކުގެ އަނެއް 'އާގިއުމެންޓަކީ" މި މަޝްރޫޢުން ލިބޭ ފައިދާގެ ބޮޑުބައި ބޭރުގެ ކުންފުނިތަކަށް ދިއުމުގެ ފުރުޞަތު އޮތްކަމުގެ ވާހަކައެވެ. އަދި މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ ގެދޮރާއި ޚިދުމަތްތައް ދިވެހި ޢާންމު ރައްޔިތުންނަށް ނުއުފުލޭ ނުކުޅެދޭ އަގުތަކަށް އެރުމުގެ ފުރުޞަތުވެސް އޮތްކަމުގެ ވާހަކައެވެ. އޭގެ ސަބަބުން އެ ތަންތަން ގަންނަނީ ބޭރު މީހުންނަށް ވެ، ރަސްމާލޭގައި ބޭރުގެ ބޮޑު އާބާދީއެއް ޤާއިމުވުމުގެ ސަބަބުން، ދިވެހި ސަގާފަތާއި އާދަކާދަތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ ވާހަކައެވެ. އިދިކޮޅު ފަރާތްތަކުންވެސް ދައްކަނީ މިވާހަކައެވެ.

ނަމަވެސް ސަރުކާރުން އަދި އީގަލް ހިލްސް އިން ތަކުރާރުކޮށް ބުނަމުންދަނީ މި މަޝްރޫޢުއަކީ ރާއްޖޭގައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކުގެ ތެރެއިން މިހައިތަނަށް އިޤތިޞާދަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ މަޝްރޫޢުއަށް ވެގެން ދާނެކަމަށާއި ކުރިން މި ފާހަގަކުރި ކަންބޮޑުވުންތަކަކީ އެއްވެސް ހާލެއްގައި ކުރިމަތިވެދާނެ ކަންކަމެއް ނޫންކަމަށެވެ.

ކޮންމެއަކަސް، ގާތްގަނޑަކަށް 1000 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކައިގެން، މުޅިން އާ ޒަމާނީ ރަށެއް ބިނާކުރުމަކީ އާދަޔާޚިލާފު ބޮޑު މަސައްކަތަކަށް ވާއިރު، އެއީ ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި މުހިންމު ފިޔަވަޅެއް ނޫނެކޭ ނުދެންނެވޭނެއެވެ.

ރަސްމާލެ މަޝްރޫޢުގެ ދެމިހުރުމާއި، ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މައްޗަށް އޮތް ޒިންމާއެއްކަން ޔަޤީނެވެ. މަޝްރޫޢުގެ އެއްބަސްވުންތައް ހާމަކޮށް، ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، ޤައުމީ މަޞްލަޙަތަށް އިސްކަންދިނުމަކީ މިފަދަ ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކުރުމަށްޓަކައި ކޮންމެހެން ބޭނުންވާނެ ކަމެކެވެ. އެހެންކަމުން، އާންމު ރައްޔިތުންގެ ބައިވެރިވުން ހޯދައިގެން ކުރިއަށް ދިއުމަކީ މި މަޝްރޫޢު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.

ad