logo

މިސްކިތެއްގެ ތެރޭގައި ބަރަހަނާވި މީހާ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
13 ގަޑިއިރު ކުރިން

ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހާނަވެ، ބޭއަދަބީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފިއެވެ.

ތަކުރާރުކޮށް މިސްކިތްތަކަށް ގެއްލުން ދިނުމުގެ ރެކޯޑު އޮންނަ، އުމުރުން 32 އަހަރުގެ ދިވެހި އެ ފިރިހެނެއްކަމަށްވާ ނައުޝާދު މޫސާ މި ފަހުން ހައްޔަރުކުރީ، ނަމާދަށް ހުރި އަންހެނެއް ކުރިމަތީ ބަރަހަނާވެ ބޭއަދަބީ ޢަމަލުތަކެއް ހިންގި މައްސަލައިގައެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމާ ހަވާލާދީ ސަން މީޑިއާއިން ރިޕޯޓްކޮށްފައިވަނީ އެ މީހާ، ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިސްކިތަކަށް ގެއްލުން ދިން މައްސަލައެއްގައި މިދިޔަ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުވެސް ނައުޝާދު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްފަހު، ނޮވެންބަރު މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ނަމަވެސް، ޝަރީއަތް ހިނގަމުންދިޔަ މުއްދަތުގައި އޭނާ ބަންދުގައި އެއް މަހާއި 21 ދުވަސް ހޭދަކޮށްފައިވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން އެ މުއްދަތު އަދަބުން އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތުމުން، ކޯޓުން އޭނާ ބަންދުން ދޫކޮށްލީ ނޮވެންބަރު 4 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުގެ ކަމާބެހޭ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ނައުޝާދަކީ މީގެ ކުރިން ވެސް މިފަދަ އެތައް ކުށެއް ތަކުރާރުކޮށްފައިވާ އަދި އިތުރު އެހެން ކުށްތަކުގެ ރެކޯޑު ވެސް އޮންނަ މީހެކެވެ.

ad