ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ވަނީ މިއަދު ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް ދެ މީހަކު ހާޒިރުވުމަށް ފުލުހުން އިއުލާންކޮށްފައެވެ. މި ދެ މީހުން ހޯދަން އިއުލާންކުރީ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ މި މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އިއުލާންކުރީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހޯދަމުންދަނީ ށ. ކޮމަންޑޫ، 36 އަހަރުގެ ހިޔަލީގެ، އިބްރާހީމް އަޒުހަދު އާއި، ގއ. ކަނޑުހުޅުދޫ، ނިއުޒިލް ގޭ 27 އަހަރުގެ ޝިހާނު އަޙްމަދު އެވެ.
އަޒްހަދު ހާޒިރުވާން އަންގާފައިވަނީ އޯގަސްޓް 15 ވަނަ ދުވަހުގެ 15:00 އަށެވެ. ޝިހާނު އަޙްމަދ ހާޒިރުވާން އަންގާފައިވަނީ އޯގަސްޓް 09 ވަނަ ދުވަހުގެ 09:00 އަށެވެ.
މި ދެ މީހުންވެސް ހާޒިރުވާން ޖެހެނީ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ. ފުލުހުން މި މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

.jpg&w=256&q=75)
