logo

ކީރިތި ޤުރްއާން ތިލާވަތުކުރާ ކޮންމެ މީހަކަށް އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެ: ޚުތުބާ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ކީރިތި ޤުރްއާން ތިލާވަތުކުރާ ކޮންމެ މީހަކަށް އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ، ޤުރްއާނަކީ ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު ކަމަށާއި، އެއީ ހުރިހާ ކާމިޔާބީއެއްގެ ސިއްރު ކަމަށެވެ

ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތްކަމަށެވެ. އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ ފަދަ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅަކުން މިކަން ސާބިތުކޮށްދެއްވަމުން ޚުޠުބާގައި ބުނީ، اللهގެ ފޮތް ކިޔަވައި، ނަމާދު ޤާއިމުކޮށް، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުންނަކީ އުުއްމީދުކުރާ ފަދަ ކާމިޔާބު ވިޔަފާރިއެއްގެ އަހުލުވެރިން ކަމަށެވެ.

އަދި ޤުރުއާން ތިލާވަތުކުރުމަކީ އިންސާނާގެ ހަށިގަނޑަށާއި، ރޫޙަށާއި، ހިތަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެއްކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ، މާތް ﷲގެ މަތީން ހަނދުމަކޮށް، ޒިކުރުކުރުމުގެ މަޤުޞަދުގައި ކިޔެވޭ މި މުޤައްދަސް ފޮތަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަސްލުކަމަށެވެ.

ކީރިތި ޤުރްއާނަކީ ބަރަކާތުން ފުރިގެންވާ މުޤައްދަސް ފޮތެކެވެ. އެކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ، އިޚުލާޞްތެރިކަމާއެކު އެފޮތް ތިލާވަތުކުރާ ކޮންމެ މީހަކަށް، އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެކަމަށެވެ.

އަދި އެއީ ކިޔެވުމުގައި ފަރިތަ، ކުޅަދާނަ މީހެއް ކަމުގައި ވިޔަސް، ނުވަތަ އުނދަގުލާއި ދަތިކަމާ އެކު ކިޔަވާން މަސައްކަތްކުރާ މީހެއް ކަމުގައި ވިޔަސް ކަމުގައެވެ.

މީގެ އިތުރުން، ޤުރްއާން ކިޔަވާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެ، އެބައިމީހުންނަށް ހެޔޮ ދުޢާކުރައްވައި، ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވާނެ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ. އަދި ޤުރްއާނަކީ ހިތްތަކަށް ޝިފާއެއް ކަމަށާއި، އެ ފޮތް ކިޔެވުމުން ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ލިބި، އިންސާނާގެ ހިތްވަރު އާލާކޮށްދޭކަން އިމާމް އިބުނުލް ޤައްޔިމްގެ ބަސްފުޅުތަކުން މިސާލު ދައްކައި ބަޔާންކުރިއެވެ.

ޚުޠުބާ ނިންމާލަމުން، ހުރިހައި މުސްލިމުންނަށް ގޮވާލާފައިވަނީ اللهގެ ފޮތާ މެދު ތަޤުވާވެރިވުމަށެވެ. ހުރިހާ ހެޔޮކަމެއް ވަނީ އެ ފޮތުގައި ހިފެހެއްޓުމުގައި ކަމަށާއި، ޤުރްއާނުގެ އަމުރުތަކާ ޚިލާފުވުމަކީ ހުރިހާ ނުބައިކަމެއްގެ އަސްލުކަން ހަނދާންކޮށްދީ ނަޞޭޙަތްތެރިވެފައިވެއެވެ.

ad