ދ.ކުޑަހުވަދޫން ފުރައިގެން އއ.ބޮޑުފުޅަދޫއަށް ދަތުރު ކުރަމުން ދަނިކޮށް ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހޯދަމުންދިޔަ ޑިންގީއާ ގުޅިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މި ޑިންގީގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުނީ މިއަދު މެންދުރުފަހު 13:50 ހާއިރުއެވެ. އެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދިޔައީ އެ ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން، ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ރޭ 22:24 ހާއިރު، އެ ޑިންގީއާ ގުޅިފައިވާ ކަމަށާއި، އެ ޑިންގީގެ ފަޅުވެރިން މަޢުލޫމާތު ދިން ގޮތުގައި، ޑިންގީއާ ގުޅޭގޮތް ނުވީ އިންޖީނު ހުއްޓި ރޭންޖު ލިބޭ ސަރަހައްދުން ބޭރުގައި ޑިންގީ އޮތުމުންނެވެ. އަދި އެ ޑިންގީއާ ފަހުން ގުޅިފަައިވަނީ ރޭންޖު ލިބޭ ހިސާބަށް އެ ޑިންގީއަށް ވަދެވުމުންނެވެ.
ޑިންގީއާ ގުޅުމުން، އެ ޑިންގީ އޮތް ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުން ގޮސް އޭގައި ތިބި ދެ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދީ، މާލެ ގެނެސްދީފައިވެއެވެ.
މި ދެ މީހުންގެ ވެސް ހާލު ރަނގަޅިު ކަމަސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

.jpg&w=256&q=75)
