logo

ވަޤުފު ފަންޑަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ވަޤުފުކުރުމާއި ޞަދަޤާތްކުރުމަށް ޤާއިމުކުރި ލިންކުތަކުން މިއަހަރު މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިސްލާމީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑު ތަރައްޤީކޮށް، ފަންޑަށް އެހީވުމަށް މީރާ ވެބްސައިޓު ތެރެއިން ވަޤުފުކުރުމާއި ޞަދަޤާތްކުރުމަށް ޤާއިމުކުރި ލިންކުތަކުން މިއަހަރުގެ މިހާތަނަށް 3 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށެވެ.

މިފައިސާ ހަރަދުކުރަނީ ވަޤުފު ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންވެގެންވާ ކަންކަމަށް، ވަޤުފު ފަންޑުގެ އުސޫލުގައިވާ ގޮތުގެ މަތިންކަމަށް ވަޒީރު ވިދާޅުވިއެވެ.

ދީނީ ކަންތައްތައް ކުރިއެރެވުމަށް އެހީވާ ވަޤްފު ފަންޑަކީ، އިސްލާމީ ދަޢުވަތު ފެތުރުމާއި އިސްލާމީ ތަޢުލީމު ދިނުމާއި އިސްލާމީ ޙަޟާރަތު ކުރިއެރުވުމާއި އިސްލާމީ ޝިޢާރު ފާޅުކުރުމާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް އެހީވުމަށާއި މިސްކިތްތަކާއި ނަމާދުކުރާ ތަންތަން ބިނާކުރުމަށާއި މަރާމާތުކުރުމަށާއި މިސްކިތްތަކާ ގުޅުން ހުރި އެންމެހައި ކަންކަމަށް ހޭދަކުރުމަށް އުފައްދައިފައިވާ ވަޤްފު ފަންޑެކެވެ.

ފަންޑުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ ޝަރީޢާ ކޮމްޕްލައެންޓު އިންވެސްޓުމަންޓުތަކުގެ ޒަރީޢާއިން ފަންޑުގެ ފައިސާ ވުނަކޮށްގެން ދާއިމީ ގޮތެއްގައި އިސްލާމީ އަޤުތައް ފެތުރުމާއި އިސްލާމީ މުޖުތަމަޢަށް އެކި ގޮތްގޮތުން ޚިދުމަތްކުރުމެވެ.

މި އުޞޫލުގައިވާގޮތުން ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭން ބޭރުގެ އެކި ފަރާތްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ވިޔަފާރިތަކުންނާއި އެނޫންވެސް ފަރާތްތަކުން ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވުމަށްދޭ ފައިސާ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓުގައި ކަނޑައެޅިފައިވާ ގޮތަށް ބޭނުންކުރަން ޖެހެންދެން ޖަމާކޮށްފައި ބަހައްޓަންވާނީ މި ފަންޑުގައެވެ.

ad