logo

ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލާއެކު ރާއްޖެއިން ވައްކަން ހުއްޓުމަކަށް އަންނާނެ: ޝުޖާއު

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލްގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން ވައްކަން ހުއްޓުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުން އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ނިޒާމުގެ ތެރެއިން ވައްކަން ކުރެވޭނެ ދޮރުތައް ބަންދުކުރުމުން އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އަދި މި ބިލަށް ގާނޫނީ ބާރުވެރިކަން ދިނުމުން، ކުރިއަށް އޮތް ތަނުގައި އެމްޑީޕީ ކަހަލަ ބަޔަކު ވެރިކަމަށް އައި ނަމަވެސް، މީގެ ކުރިން އެ ބޭފުޅުން ކުރަމުން އައި ވައްކަންތައް ހުއްޓިގެން ދާނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ގެންގުޅުއްވި ޑިޖިޓަލް ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ޑިޖިޓަލް ރާއްޖެއަކަށް ރާއްޖެ ބަދަލުކުރުމަކީ މިއަދު އެކަނި ކުރެވޭ ކަމެއް ނޫންކަމަށާއި، އެއީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުވެސް އެމަނިކުފާނު ގެންގުޅުއްވި ތަސައްވުރެއްކަމަށްވެސް ވިދާޅުއެވެ.

އެގޮތުން، ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް އިންތިޚާބުވި ހިސާބުން ފެށިގެން އެއްމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ކުރައްވަން ފެއްޓެވި ކަމަކީ، މާލޭއަށް އުފަންވާ ކުދިންގެ ރެޖިސްޓްރީ އަދި އުފަންދުވަހުގެ ސެޓިފިކެޓްތައް ކަރުދާހާއި ނުލައި ހެދޭނޭ ނިޒާމެއް ގާއިމް ކުރުމާއި، މާލޭގެ ގޯދިގެދޮރުގެ ރެޖިސްޓްރީތައް ސްކޭންކޮށް އެމައުލޫމާތު ޑިޖިޓަލް ކުރުމުގެ މަސައްކަތްކަމަށް ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލަކީ އިލެކްޓްރޯނިކް ވޯޓިން ނުވަތަ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އިންތިހާބުތައް ބާއްވަން ކުރާ ކަމެއްކަަމަށް ތުހުމަތުކުރައްވައި ދެއްކެވި ވާހަކަތަކަށް ރައްދުދެމުން ޝުޖާ ވިދާޅުވީ ބިލުގައި އެފަދަ ވާހަކަތަކެއް ނެތް ކަމަށެވެ. އަދި ޝުޖާއު ވިދާޅުވި ގޮތުގައި އެ ބިލުގައި ހިމެނޭ ކަންކަމަކީ އަދި ޑިޖިޓަލް ބަދަލުގެ މަގުސަދަކީ ވައްކަމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމެވެ. އަދި އެފަދަ މަސައްކަތެއްކުރާނަމަ އިދިކޮޅު ފަރާތްތައް އަބަދުވެސް ކަންބޮޑުވާކަމަށްވެސް މެންބަރު ތުހުމަތުކުރެއްވިއެވެ.

ad