މިދިޔަ ހަފުތާ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ 23 ހާދިސާއެއް ހިނގައިގެން އެހީތެރިކަން ފޯރުކޮށްދިންކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
އެމްއެންޑީއެފުން އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން އަލިފާނުގެ 12 ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މީގެއިތުރުން، ބަލި މީހުން އުފުލުމަށް ކުރިއަށްގެންދިޔަ މެޑިކަލް އިވޭކިއޭޝަންގެ ހަތަރު ހާދިސާއަކާއި، ނުރައްކާތެރި މާއްދާއެއް އެކުލެވޭ ހެޒްމަތު ހާދިސާގެ އިތުރުން ރެސްކިއު އޮޕަރޭޝަނެއްގައި އެފްއާރްއެސްއިން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެހެނިހެން ބާވަތުގެ އެއް ހާދިސާވެސް މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ. މިއާއިއެކު މިމުއްދަތުގެ ތެރޭގައި ޖުމުލަ 23 ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެެވެ.
މި ހާދިސާތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން މިދިޔަ ހަފުތާގައި ހާދިސާތައް ހިނގާފައިވަނީ މާލެ ސަރަހައްދުގައި ކަމަށްވާތީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޖުމުލަ 16 ހާދިސާގައި ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން، ސެންޓްރަލް އޭރިއާ ކޮމާންޑާއި، ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދެއްގައި ހިނގި ތިން ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ. އަދި ނޯދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވަނީ، އެއް ހާދިސާގައެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަކީ ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް 24 ގަޑިއިރު ޚިދުމަތުގައި ދެމިއޮތް މުއައްސަސާއެކެވެ. ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެ ބޭފުޅުންގެ ހޮޓްލައިން ނަންބަރު 118 އަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ.

