logo

އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް، ފަށައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

އއ. އުކުޅަހުގައި ޤާއިމްކުރާ ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ފަށައިފިއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އަދި އުކުޅަހު ކައުންސިލްގެ ރައީސް ޢަލީ ވަހީދު އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފާއި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއޭސީއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި ބިނާކުރާ ސްޕޯޓްސް ކޮމްޕްލެކްސްގައި ގިނަ ވަސީލަތްތަކެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި އިންޑޯ ޖިމަކާއި، އަންހެނުން ކަސްރަތު ކުރަން ޚާއްޞަ ކޮޓަރިއަކާއި، ބޯޑް ގޭމްތަކާއި ގިނަ ކުޅިވަރުތައް ކުޅެވޭނެ ހޯލެއްގެ އިތުރުން ބައްދަލުވުންތައް ބޭއްވުމަށް ޚާއްޞަ ކޮޓަރިއެއް ހިމެނެއެވެ.

ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް ކުޅިވަރުގެ ވަސީލަތްތައް ފުޅާކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ ވަސީލަތްތައް އަތޮޅުތެރޭގައި ޤާއިމުކުރުމެވެ. މީގެ ސަބަބުން އަތޮޅުތަކުން ޤައުމީ ފެންވަރުގެ އެލީޓް އެތުލީޓުން އުފެދިގެން އައުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫޢަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސް އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އެމްއޭސީއެލްއާ ޙަވާލުކުރި މަޝްރޫޢެކެވެ. ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ އިތުރުން ރަށްރަށުގައި ހޭންޑްބޯޅަ، ފުޓްބޯޅަ އަދި އެހެނިހެން ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން މިހާރުވެސް ދަނީ ޚާއްޞަ އިސްކަމެއް ދެމުންނެވެ.

ad