logo

ސްކޭމް ހިންގާ 17 މީހުން ހައްޔަރުކޮށް 1،088 ބޭންކު އެކައުންޓެއް ފްރީޒްކޮށްފި

މަރްޔަމް
21 ގަޑިއިރު ކުރިން

ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 ފަރާތެއް ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި ރާއްޖެއިން ދެނެގަނެވިފައިވާކަމަށާއި މިދިޔަމަހުގެ ނިޔަލަށް 1088 އެކައުންޓެއް ފްރީޒުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ސްކޭމް ސެންޓަރުން ބުނެ ފިއެވެ.

އެ ސެންޓަރުން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ބައިވެރިވެ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ހޯދި ކާމިޔާބީތައް އާއްމުކޮށްފަ އެވެ. މިގޮތުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާ ހޯދާ ބައެއް މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުން އަންނަ އާ ބާވަތުގެ ސްކޭމެއްގެ ގޮތުގައި ބުކިން ކެންސަލްކުރުމާއި ފައިސާ އަނބުރާ ހޯދައިދިނުން ނުވަތަ ރީފަންޑް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ހިންގާ މަކަރާއި ހީލަތް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން މިިދޔަ ތިން މަހުގެ ތެރޭގައި އެފަދަ 80 މައްސަލައެއް އެންޓި-ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު، އެކި އިދާރާތަކާއި މަޝްހޫރު ފަރާތްތަކާއި އާއިލާ ނުވަތަ ރައްޓެހިންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 43 މައްސަލައަކާއި، ފައިދާ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ދައްކައިގެން ހިންގި 32 ސްކޭމަކާއި، އެކައުންޓްގެ ވެރިފަރާތަށް ނޭނގި ހުއްދައެއް ނެތި މުއާމަލާތް ހިންގުމުގެ 27 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެއިތުރުން ލޯބީގެ ގުޅުންތައް ދައްކައިގެން ފައިސާ ހޯދުމުގެ 8 މައްސަލައެއް ވެސް ވަނީ ރެކޯޑްކުރެވިފައިވާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. މި ހިސާބުތަކުން ދައްކައިދެނީ، އޮންލައިން މާހައުލުގައި ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ތަފާތު ގޮތްގޮތަށް ބަދަލުވަމުން އަންނަކަމެވެ.

ރާއްޖޭގައި ހުށަހެޅުނު މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ އާންމުކޮށް ހިންގާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ އަމަލުތައްކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 230 މައްސަލައަކީ އޮންލައިން ޕްލެޓްފޯމްތަކާއި ޕޭޖުތައް މެދުވެރިކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރޭގައި ހިންގާފައިވާ ސްކޭމްތަކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. މި ބާވަތުގެ 107 މައްސަލައެއް މި މުއްދަތުގައި ރެކޯޑްކުރެވިފައިވާކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ ތިން މަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތުން، ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 ފަރާތެއް ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި ވަނީ ދެނެގަނެވިފައިވާކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި ތަހުގީގުތަކާ ގުޅިގެން އޭގެތެރެއިން އިން 17 މީހަކު ވަނީ ހައްޔަރުކޮށްފައިކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން، ކުށްކޮށްގެން ހޯދާ ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށާއި ގެއްލުނު ފައިސާ ރައްކާތެރިކުރުމަށްޓަކައި، ބޭންކުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައި، ތުހުމަތުކުރެވޭ 1،088 ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ވަނީ ހިފަހައްޓައި ފްރީޒްކޮށްފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ސްކޭމްތަކުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ މާލީ ގެއްލުން ކުޑަކުރުމަށާއި، ކުށްކުރާ ނެޓްވޯކްތަކުގެ މާލީ ހަރަކާތްތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް ފުލުހުން ބުނެ އެވެ.

ad