މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫގެ ދަށުން ތާރުއެޅުމަށްޓަކައި، އެ ސަރަހައްދުގެ ބައެއް މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ނިންމައިފިއެވެ.
ފުލުހުން ބުނީ ތާރުއަޅާތީވެ، މިއަދުން ފެށިގެން އެ ސަރަހައްދަށް ނުވަދެވޭނޭކަމަށެވެ. އެގޮތުން ރޭ 12 އިން ފެށިގެން އެ މަސައްކަތް ނިމެންދެން އެ ސަރަހައްދު ބަންދުކުރުމަށް ނިންމާފައިވާކަމަށް ފުލުހުން ބުންޏެވެ.
ބޮޑުތަކުރުފާނުމަގު މިހާރު ތަރައްގީ ކުރަމުންދާ ސަރަހައްދު ތާރުއެޅުމާ ހަމަޔަށް އައިސްފައިވާއިރު، އެ ސަރަހައްދުގެ އެހެނިހެން މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ވަނީ މުޅިންހެން ނިމިފައެވެ. އޭގެ ތެރޭގައި ކޭބަލް ޖަންގްޝަނާއި، ދުވާރާއި ފެންހޮޅު އެޅުމުގެ މަސައްކަތް ހިމެނެއެވެ.
ބޮޑުތަކުރުފާނުމަގު މިހާރު ތަރައްޤީ ކުރަމުންދާ ސަރަހައްދު ނިމުމުން އެ މަގުގެ ޖާގަ ބޮޑުވެގެންދާއިރު، އެ ސަރަހައްދު ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނޭކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން، އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ 144 މިލިއަން ރުފިޔާ އަށެވެ.
ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން މާލޭ ވިޔަފާރި ބަނދަރާ ހިސާބުން ފެށިގެން އެމްއެމްއޭ އާ ހިސާބަށް ތަރައްްޤީ ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
