އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗްއިން އިންތިޒާމު ކޮށްގެން ބާއްވާ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް" މިއަދު ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސް ކުރިއަށްދަނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލުގައެވެ.
މި ކޮންފަރެންސަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަސައްކަތްތެރިންނާއި، ސިނާއަތްތަކުގެ އިސްވެރިންނާއި، ސަލާމަތީ ކަންކަމުގެ ފަންނީ މާހިރުން އަދި ކަމާބެހޭ އެހެނިހެން މުހިންމު ފަރާތްތައް އެއްތަންކޮށްދޭ ގައުމީ ފެންވަރުގެ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ކުރިއަށް ގެންދަނީ، "މަސައްކަތުގެ މާހައުލު ރައްކާތެރި އަދި ދުޅަހެޔޮ ތަނަކަށް ހެދުމާއި، އައު ސިނާޢަތްތަކަށް ރައްކާތެރި މިންގަނޑުތަކެއް ހިފެހެއްޓުން" މި މައުޟޫއަށް އަމާޒުކޮށްގެންނެވެ.
މި ޝިއާރުގެ ދަށުން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތައް މިހާރަށްވުރެ ހަރުދަނާކޮށް ތަންފީޒު ކުރުމަށާއި، ފަންނީ ގާބިލުކަން އިތުރުކުރުމަށް މި ކޮންފަރެންސްގައި ފުޅާދާއިރާއެެއްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަސައްކަތުގެ މާހައުލުގައި ހިނގާ ހާދިސާތަކާއި، ނުރައްކާތަކަށް ހުށަހެޅޭ މިންވަރު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ރިޕޯޓު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، ހުރިހާ ސިނާއަތްތަކެއްގައި ދުރާލައި ރައްކާތެރިވުމުގެ ސަގާފަތެއް އަށަގެންނެވުމަށްވެސް މި ކޮންފަރެންސްގެ ތެރޭގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކުރުމަކީ، ވަޒީފާގެ މާހައުލުގައި މުވައްޒަފުންގެ ރައްކާތެރިކަމާއި ގުޅޭ ގާނޫނުތަކުގައި ހުރި ކަންކަމާއި، އިތުރު މައުލޫމާތުތައް ފޯރުކޮށްދެވޭނެ ފަދަ ޕްލެޓް ފޯމުތައް ގާއިމުކޮށް، ކަމާގުޅޭ ފަރާތްތައް އެއްތަނަކަށް ގެނެސް މަޝްވަރާކޮށް ހައްލުތައް ހޯދައިދިނުމަކީވެސް މި ކޮންފަރެންސުގެ ބޭނުމެކެވެ.
މި ކޮންފަރެންސްގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވާއިރު ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި، އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ)ގެ އިތުރުން އެކަޑަމިކް އަދި ހެލްތު ކެއަރ އެޑްމިނިސްޓްރޭޝަންގެ ބޭފުޅުން ބައިވެރިވެއެވެ.
އޭއީއެޗްގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް 2026ގެ ކޮންފަރެންސް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫއާއި އެސްޓީއޯ ހެލްތު ކެއަރ ސޮލިއުޝަންސްއެވެ.

