logo

ބީއެމްއެލުން މިއަހަރު މިހާތަނަށް އަލަށް 6.5 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
16 ދުވަސް ކުރިން

މި އަހަރުތެރޭ އަލަށް 6.5 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ބީއެމްއެލުން ބުނެފިއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިޔަން ރުފިޔާއަށް އަރައެވެ.

ސެޕްޓެމްބަރުގެ ނިޔަލަށް އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތައް

• ޓޫރިޒަމް: 8.71 ބިލިޔަން ރުފިޔާ
• އަމިއްލަ ފަރުދުންނަށް: 5.34 ބިލިޔަން ރުފިޔާ
• ޢިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް: 5.09 ބިލިޔަން ރުފިޔާ
• ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް: 2.40 ބިލިޔަން ރުފިޔާ
• ވިޔަފާރިތަކަށް: 1.04 ބިލިޔަން ރުފިޔާ
• އެހެނިހެން ދާއިރާތަކަށް: 1.11 ބިލިޔަން ރުފިޔާ

ބީއެމްއެލްއިން ބުނެފައިވަނީ ކޮންމެ ފަރާތަކަށްވެސް ލޯނު ދޫކުރާނީ އުސޫލުތަކާ އެއްގޮތަށްކަމަށެވެ.

ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައި ބީއެމްއެލުން ބުނީ ބޭންކުގެ ބޯޑާއި މެނޭޖްމަންޓުން މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސާއި މިނިވަންކަމާއެކުކަމަށެވެ. މިކަން ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަރނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެކަމަށް ބީއެމްއެލުން ބުނެއެވެ. ބޭންކުން ހިފަހައްޓަމުންދަނީ ބައިނަލްއަގުވާމީ ބޭންކިންގ ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތައްކަމަށާއި ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިންގ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަމަށް ބަޔާނުގައިވެއެވެ. އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑަރޑްތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑަރޑްތައް ބީއެމްއެލުން ހިފަހައްޓަމުން އަންނަކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފަރމްތަކުން ގަވާއިދުން ބޭންކު އޮޑިޓްކުރަމުން އަންނަކަމަށާއި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުމުގެ ހަރުދަނާކަން ކަށަވަރުކުރެވޭކަމަށްވެސް ބީއެމްއެލްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާއި އެއްގޮތަށް ދޫކުރާ ލޯނުތަކެއްކަމަށާއި ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވަރ އެކްސްޕޯޝަރ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝަރއަށްވެސް ބަލާނެކަމަށް އެބޭންކުން ވަނީ ބުނެފައެވެ.

ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އޮންނާނެކަމަށާއި ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެކަމަށްވެސްވަނީބުނެފައެވެ.

މީގެއިތުރުން އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަޑުތައްވެސް ބޭންކުގެ ބޯޑުން ވަނީ ކަނޑައަޅާފައިކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި ސަރުކާރުން ގެރެންޓީ ދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްސްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރުވެސް ކަނޑައަޅާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ad