އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލި މީހުންގެ އަދަދު 84 އަށް އަރައިފިއެވެ.
ޣައްޒާ ސަރުކާރުގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ، އެ މުއްދަތުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ގެތަކާއި، އިމާރާތްތަކަށް ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މީހުންނާއި، އިންސާނީ އެހީ ހޯދަން ގޮސް ތިއްބައި ބަޑިޖަހައި ޝަހީދުކޮށްލި މީހުންވެސް ހިމެނޭ ކަމަށެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި އެތައް ކުޑަކުދީންވެސް ހިމެނެއެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނެފައިވަނީ، މިއަދު ހެނދުނުން ފެށިގެން އެކަނިވެސް މިހާތަނަށް ހަމަލާތަކުގައި 29 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. ރެއިން ފެށިގެން މިހާތަނަށް 36 މީހުން ޝަހީދުކޮށްލާފައި ވެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން މިހާރުވެސް އެންމެ ވަރުގަދައަށް ހަމަލާތައް ދެމުންގެންދަނީ ޣައްޒާގެ ވެރިކަންކުރާ ގާޒާ ސިޓީއަށެވެ.
ގާޒާ ސިޓީގެ އެކި ހިސާބުތަކަށް ވައިގެ ހަމަލާތައް ދެމުން ގެންދާއިރު، އެއްގަމުމަގުން އަރައިގެން އުޅޭ ޓެރަރިސްޓުންވެސް ގެންދަނީ ލާއިންސާނީ އެތައް ޖަރީމާއެއް ހިންގަމުންނެވެ.
ގާޒާ ސިޓީގެ އަލް ދަރާޖް އަވަށުގެ ގެއަކަށް ޓެރަރިސްޓު ޖެޓުތަކުން ބޮންއަޅާފައި ވާއިރު، އައްޝާތީ ރެފިއުޖީ ކޭމްޕަށާއި، ގާޒާ ސިޓީގެ އައް ނަސްރް މަގަށްވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ.
ޓެރަރިސްޓުން ހުއްޓާނުލާ ހަމަލާތައް ދޭތީ، އައް ނަސްރް މަގަށް ދިން ހަމަލާގައި ޝަހީދުކޮށްލާފައިވާ އެތައް ބައެއްގެ ހަށިތައް އަދިވެސް މަގުތައް މަތީގައި ނުނެގި އެބަހުރި ކަމަށް، ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.
ގާޒާ ސިޓީގެ އައް ސަބްރާ އަވަށުގައި ހުރި ގެއަކަށްވެސް ޓެރަރިސްޓުން މިއަދު ބޮންއަޅާފައި ވެއެވެ.
ޣައްޒާގެ މެދުތެރޭ ނުސައިރަތު ރެފިއުޖީ ކޭމްޕްގެ ދެ ގެއަކަށް މިއަދު ހެނދުނު ބޮންއަޅައި 8 މީހުން ޝަހީދުކޮށްލާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.