ފާއިތުވި ހަ ހަފުތާގެ ތެރޭގައި އެފްރިކާ ބައްރުގެ 17 ޤައުމަކުން އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ޖެހިފައިވާ މީހުން ފާހަގަކުރެވިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯ އިން ހާމަކޮށްފިއެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި، އެ 17 ޤައުމުގައި ބަލި ފެތުރިފައިވަނީ ވަރަށް ބާރު ސްޕީޑެއްގައެވެ. އަދި މިހާރު އެތައް ހާސް ބަޔަކަށް މި ބަލި ޖެހިފައިވާކަމަށް ވެއެވެ.
ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ސެޕްޓެންބަރު 14 އިން އޮކްޓޫބަރު 19 އާ ދެމެދު، ޖުމްލަ 2,862 މީހުންނަށް ބަލި ޖެހިފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ. ހަމަ އެ މުއްދަތުގައި އެފްރިކާގެ ޤައުމުތަކުން 17 މީހަކު މި ބަލީގައި މަރުވެފައިވާކަމަށް ވެސް ރެކޯޑުކުރެވިފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި އެމްޕޮކްސްގެ ކޭސްތައް ފެނުނު ޤައުމުތަކުގެ ތެރޭގައި، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި ދަތުރުކުރާ މެލޭޝިޔާވެސް ހިމެނެއެވެ. މީގެ އިތުރުން ނެމީބިޔާ، ދި ނެދަރލެންޑްސް، ޕޯޗުގަލް އަދި ސްޕެއިން ފަދަ ޤައުމުތަކުން ވެސް ބަލި ޖެހުނު މީހުން ވަނީ ފެނިފައެވެ. މި ޤައުމުތަކުން ފެނިފައިވަނީ 'ކްލޭޑް 1ބީ' (Clade 1b) ގެ ނަން ދެވިފައިވާ ވޭރިއެންޓެވެ. މި ވޭރިއެންޓް އެ ޤައުމުތަކުން ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
ސައިންސްވެރިން އެމްޕޮކްސް، ނުވަތަ މަންކީޕޮކްސް، އެންމެ ފުރަތަމަ ދެނެގަތީ 1958 ވަނަ އަހަރުގައެވެ. އެ ބަލި ފުރަތަމަ ފެނުނީ އެފްރިކާ ބައްރުގެ ޤައުމެއް ކަމަށްވާ ކޮންގޯއިންނެވެ. މިއީ ރާމާމަކުނުގެ ފުށުން އިންސާނުންނަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އާންމުކޮށް މި ބަލި ފެތުރެމުން ދަނީ އެފްރިކާ ބައްރުގެ މެދުތެރޭގެ އަދި ހުޅަނގުގެ ސަރަޙައްދުތަކުގައެވެ. ނަމަވެސް، 2022 ވަނަ އަހަރު މި ބަލި ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރި، 70 އަށް ވުރެ ގިނަ ޤައުމުން ކޭސްތައް ފާހަގަ ކުރެވުނެވެ.
އެމްޕޮކްސަކީ ސްމޯލްޕޮކްސް ވައިރަހުގެ އާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ހީކެރުވުން، އަދި ހަށިގަނޑުގައި ރިއްސުން ހިމެނެއެވެ. އަދި ބައެއް ފަރާތްތަކުގެ މޫނާއި، އަތާއި މޭމަތީގެ އިތުރުން ޖިންސީ ގުނަވަންތަކުގެ ސަރަޙައްދުގައި ދޮސްގަނެފައިވާ ބޮޑެތި ފޮޅުތަކެއް ނަގައެވެ. ބައެއް ހާލަތްތަކުގައި މި ބަލި ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވެސް ފާހަގަ ކުރެވެއެވެ.


