logo

ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގި މީހަކު 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި، ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ 58 އަހަރުގެ ފުނާޑު.ނަވާ / ޏ. ފުވައްމުލައް، ޢަބްދުﷲ ވަޙީދު މޫސާ ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ (ގާނޫނު ނަންބަރު 12/2009) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް މި މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފަށާފައެވެ. މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 19 ވަނަ ދުވަހު ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން ޢަބްދުﷲ ވަޙީދު މޫސާ 18 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ވަޙީދު މޫސާ، މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި 1 އަހަރާއި 7 މަހާއި 9 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، ޢަބްދުﷲ ވަޙީދު މޫސާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 16 އަހަރާއި 4 މަހާއި 21 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެކެވެ. މިފަދަ ކުށްތަކުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ގެންދާނެއެވެ.

ad