މާލޭގެ މާފަންނުގައި ހުންނަ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރު (އެންޑީއެމްއޭ)އިން ބުނެފިއެވެ.
ރޭ އަލިފާން ރޯވީ ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގަ އެވެ. އެއީ ގަސްކާނާ އާއި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެކެވެ. އަލިފާނުގެ ހާދިސާގައި މުޅި އެ ގުދަން ވަނީ އަނދާ އަޅިއަަށް ވެފައެވެ.
މި ހާދިސާއާއި ގުޅިގެން ސޯޝަލް ސެންޓަރުގައި އިވެކުއޭޝަން ސެންޓަރެއް ޤާއިމުކޮށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންޑީއެމްއޭއިން އެންމެފަހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާއާޢި ގުޅިގެން ރޭގެ ދަންވަރު 2:30 އާއި ހަމައަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ވަނީ ރަޖިސްޓްރީވެފައެވެ. މި 15 ގެއިން މީހުން ހުސް ކުރަން ޖެހުނީ ބޯދުމުގެ ސަބަބުންނެވެ. މި ގެތަކުން ރެޖިސްޓްރީވީ މީހުންގެ ތެރޭގައި 69 އަންހެނުންނާއި 385 ފިރިހެނުން ހިމެނެއެވެ. މީގެ ތެރެއިން 302 މީހުންނަކީ ބިދޭސީން ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
އެންޑީއެމްއޭ އިން ބުނީ ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށާއި 280 ބިދޭސީއަކު އެމީހުންގެ ވެރިފަރާތުންވަނީ ހަވާލުވެފައި ކަމަށެވެ. އަދި 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށާއި، ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައިވާކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
މީގެ އިތުރުން މި 15 ގެވެސް ހުސްކުރަން ޖެހުނީ ބޯދުމުގެ ސަބަބުން ކަމަށާއި މި ހާދިސާގެ އަސަރުކޮށްގެން 7 ފަރާތަކަށް ހޮސްޕިޓަލުން ފަރުވާދީފައިވާކަން ފާހަގަކޮށް އެންޑީއެމްއޭ އިން ބުނީ މި ހުރިހާ ފަރާތެއްގެވެސް ހާލު ސްޓޭބަލް ކަމަށެވެ.
ރޭ މ. ތައިބާ މިސްކިތް ކައިރީގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ އޮތޯރިޓީގެ ފަރާތުން ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ އިވޭކިއުއޭޝަން ސެންޓަރު މިހާރު ބަންދުކޮށްފައިވާކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ހުރިނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 115 އަށް ގުޅުމަށް އެ އޮތޯރިޓީ އިން ވަނީ އިލްތިމާސްކޮށްފައެވެ.
