logo

ހުޅުމާލޭގައި 1100 އުޅަނދުގެ ޖާގައިގެ ޕާކިން ބިލްޑިންގެ ބިންގާއަޅައިފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ހުޅުމާލޭގައި 1،100 އަށްވުރެ ގިނަ އުޅަނދު ޕާކު ކުރެވޭ، ޕާކިން ބިލްޑިންގެ ބިންގާ އަޅައިފިއެވެ. މި އިމާރާތަކީ ބޭސްމަންޓް ހިމެނޭހެން 13 ފަންގިފިލާގެ އިމާރާތެކެވެ.

ހުޅުމާލޭ ފޭސް1ގައި ތަރައްޤީކުރާ މި ޕާކިން ބިލްޑިންގައި 2 ފުރޮޅު އަދި 4 ފުރޮޅުލީ އުޅަނދު ޕާކުކުރެވޭނެ ޖާގަ ހިމެނެއެވެ. އެގޮތުން 4 ފުރޮޅުލީ އުޅަނދަށް ޚާއްސަކޮށް 800 އަށްވުރެ ގިނަ ޖާގައާއި 500 އަށްވުރެ ގިނަ ސަރިކަލު ޕާކު ކުރެވޭނެ ޖާގަ ހިމެނެއެވެ. މި އިމާރާތަކީ ފުރިހަމަ، ޒަމާނީ ޕާކިން އިމާރާތެކެވެ.

މި އިމާރާތުގައި ޕާކިން ސްޕޭސް ތަރައްޤީކުރަނީ، އިމާރާތަށް އަރަ ފޭބުމަށް ރޭމްޕްގެ އިތުރުން، ވެހިކަލް އެލިވޭޓަރވެސް ހިމެނޭގޮތަށެވެ. އަދި އިމާރާތުގެ ޓްރެފިކް ފްލޯ ރަނގަޅަށް ބެލެހެއްޓޭނެ ގޮތަށެވެ.

މި އިމާރާތުގައި ވެހިކަލް ޕާކިންގެ އިތުރުން، އުޅަނދުތަކަށް ބޭނުންވާ ޚިދުމަތްތައް ލިބޭނެ އަދި ވިޔަފާރި އައުޓްލެޓްތަކާއި އިލެކްޓްރިކް އުޅަނދު ޗާޖިން ފެސިލިޓީއަކާއި އަދި ކުޅިވަރު ފެސިލިޓީތަކެއްވެސް ހިމެނެއެވެ.

މިއީ މާލޭ ސަރަޙައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުތައް ގިނަވެ، ޕާކުކުރެވޭނެ ސަރަޙައްދު ނުލިބި، އުޅަނދުތައް ރަޖިސްޓްރީކުރުމަށް ގަރާޖު ނުލިބޭ ހާލަތު ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްވަވާފައިވާ ރޭވުންތަކުގެ ޢަމަލަކީ މަސައްކަތްތަކުގެ ފެށުމެވެ. ގްރޭޓަރ މާލޭ އޭރިއާގެ އާބާދީ އިތުރުވަމުންދިއުމާއެކު، ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގގެ ޖާގައިގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، ހުޅުމާލޭގައި 7 ޕާކިންގ ބިލްޑިންގް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބާކީ އޮތް 6 ބިލްޑިންގގެ މަސައްކަތްވެސް، ހަވާލުކުރެވިފައިވަނީ ދިވެހި 6 ކުންފުންޏަކާއެވެ.

މާލޭ ސަރަހައްދުގެ މަގުމަތަކުގައި ތޮއްހެހިފައިވާ އުޅަނދުތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ޕާކިންގ ބިލްޑިންގ އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ad