logo

ރާއްޖޭގެ، 25 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާއަށް

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ރާއްޖޭގެ 52 ދަނޑުވެރިން "އެޑްވާންސްޑް ހޯޓިކަލްޗަރު އެކްސްޕޯޝަރު ޓްރެއިނިން"އެއްގައި ސްރީ ލަންކާއަށް ދަތުރު ކުރުމަށް ހަމަޖެހިއްޖެއެވެ.

މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ހިންގާ ތަމްރީނެކެވެ.

މި ތަމްރީނު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ތަމްރީނުތަކުގެ ތެރޭގައި އެންމެ ޒަމާނީ ގްރީން ހައުސްގައި ދަނޑުވެރިކަން ކުރާގޮތުގެ މަޢުލޫމާތު އަދި އަމަލީ ގޮތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ތަމްރީނުގެ ބައިވެރިންގެ ގޮތުގައި ހިމެނިފައިވަނީ މެޕް ގެ ފަރާތުން ކުރިއަށް ގެންދެވުނު ލީޑް ފާމަރ ތަމްރީނު ނުވަތަ އިސްދަނޑުވެރިންގެ ތަމްރީނުތައް ފުރިހަމަ ކޮށްފައިވާ ބައިވެރިންނާއި އަދި މެޕްގެ ފަރާތުން ދަނޑުވެރިންނަށް ހުޅުވާލެވުނު ގްރާންޓް، ދަނޑުވެރި މަންފާގެ ދަށުން ގްރާންޓް ލިބި އަމިއްލަ ގްރީން ހައުސް ގައި ދަނޑުވެރިކަން ކުރަން ފަށައިވާ ދަނޑުވެރިންނެވެ.

މެޕް ޕްރޮޖެކްޓްގެ ތެރެއިން ތަމްރީނުތައް ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައި ވެއެވެ.

އެގޮތުން 12 ރަށެއްގައި ގްރީން ހައުސް އިންސްޓޯލްކޮށްގެން ކްލައިމެޓް ސްމާޓް ނުވަތަ ތިމާވެއްޓާ ރަށްޓެހި ދަނޑުވެރިކަންވަނީ ތަޢާރަފް ކުރެވިފައެވެ. އަދި މީގެ އިތުރުން ދަނޑުވެރިކަމުގެ ގެންގުޅެންޖެހޭ ރަނގަޅު އާދަތައް އަދި މިންގަޑުތައް ދަސްކޮށްދީ ދަނޑުވެރިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި ގިނަގުނަ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދެވިފައިވެއެވެ. މި މިންގަނޑުތަކަށް އަޙުލުވެރިކުރުވައި ރާއްޖެއިން ބޭރުގައި ގެންގުޅޭ ދަނޑުވެރިކަމުގެ އެކިއެކި އުކުޅުތަކަށް ލޯހުޅުވައިދިނުމުގެ ގޮތުން ކުރިއަށްގެންދެވޭ މި ދަތުރުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓް ގެ ހިލޭއެހީގެ ދަށުންނެވެ.

މިއީ ދަނޑުވެރިންނަށް ފުރުޞަތު ހުޅުވާލެވިގެން، މިހާ ގިނަ ބައިވެރިންނާއި އެކު ކުރެވޭ ފުރަތަމަ ތަމްރީނު ދަތުރެވެ.

ad