ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަށާޖެހޭ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ޙިކްމާއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދް ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ.
މި ރަސްމިއްޔާތުގައި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ މި މަޝްރޫޢުއަކީ އެކި ސަބަބުތަކާހުރެ ޢަމަލީ ސިފައެއް ނައިސް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތް މަޝްރޫޢެއްކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން، މިފަދަ މަޝްރޫޢުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމެވި ނިންމެވުމާއެކު، އެ މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފެށިގެން ގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކު ހުރި ރަށަކުން ނުވަތަ އެންމެ ކައިރި ރަށަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ހޯދޭނެ ފަހި މާޙައުލެއް ބިނާކޮށްދިނުމެވެ.
ދިއްދޫގައި ތަރައްޤީކުރާ މި އެކަމަޑޭޝަން ބްލޮކަކީ ފާޚާނާއާ އެކު ފަރުމާކުރެވިފައިވާ ޒަމާނީ ފެންވަރުގެ 32 ކޮޓަރިތަކެއް ހިމެނޭ ތަނެކެވެ. މީގެ އިތުރުން، ދަރިވަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ކިޗަން، ޑައިނިންގ، ލޯންޑަރީ، ޖިމް އަދި ރެކްރިއޭޝަން އޭރިއާއެއްވެސް މި އިމާރާތުގައި ޤާއިމުކުރެވޭނެއެވެ.
ދިއްދޫގައި މިހާރު ތަރައްޤީ ކުރަމުންދާ ޖޫނިއަރ ކޮލެޖަކީ ހޮސްޕިޓަލިޓީ، އޮޓޮމޯޓިވް، ވެލްޑިންގ އަދި އިންޖިނިއަރިންގ ފަދަ ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ވޮކޭޝަނަލްކޮށް ތަމްރީނުކުރުމަށް ޚާއްޞަ ކުރެވިފައިވާ މަރުކަޒެކެވެ. މި މަޝްރޫޢުގެ ސަބަބުން، އެ ކޮލެޖުން ތަޢުލީމު ހާސިލުކުރުމަށް ދާ ދަރިވަރުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ފުރިހަމަވެ، ތަޢުލީމީ ދާއިރާއަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.

