logo

ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން އެހީވުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އާމިނަތު މޫސާ
21 ގަޑިއިރު ކުރިން

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށްޓަކައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު އެވެ. މި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ މައިދާނާ ރާއްޖެ ދުރުގައި އޮތް ނަމަވެސް، ޔޫރަޕާއި ރާއްޖެއާ ދެމެދު އޮންނަ ދަތުރުފަތުރުގެ މަގުތަކަށް އެޅޭ ހުރަސްތަކުގެ ސަބަބުން އިގްތިސާދީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ މައި އިންޖީނު ކަމަށްވާ ފަތުރުވެރިކަމުގެ ދުވެލި މަޑުޖެހި، ވިޔަފާރިތަކަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވެފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު 7,000 އިން 4,000 އާއި 5,000 އާ ދެމެދަށް ދަށްވެ، ދުވާލަކު 2,000 ބުކިން ކެންސަލްވުމުގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 21 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މައުރޫފު ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވީ ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެ، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިދުމަތްތަކާއި ސާވިސް ޗާޖާއެކު ލިބޭ އާމްދަނީއަށް ނޭދެވޭ އަސަރުކޮށް މުވައްޒަފުންނަށްވެސް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

މައުރޫފު ހުށަހެޅުއްވި މައްސަލައިގައި ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެއް ފާހަގަކުރައްވާފަ އެވެ.

އެގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި:

*މުވައްޒަފުންގެ މުސާރަ ދިނުމަށާއި ވިޔަފާރި ކުރިއަށް ގެންދިއުމަށް "ވޯކިންގ ކެޕިޓަލް ލޯނު" ނުވަތަ "އިންކަމް ސަޕޯޓް އެލަވަންސް" ތައާރަފުކުރުން.

*ފަތުރުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނުގެ އަސްލު ފައިސާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުން (މޮރެޓޯރިއަމް).

*ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލުއި ލޯނުތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ ގްރޭސް ޕީރިއަޑެއް ދިނުން.

*ކަރަންޓާއި ތެލުގެ ޚަރަދުތަކަށް ލުއި ދިނުމަށް އުޓިލިޓީ ސަބްސިޑީ ތައާރަފުކުރުން.

*ރިސޯޓުތަކުގެ ކުއްޔާއި އެއާޕޯޓް ޗާޖުތައް ވަގުތީގޮތުން ކުޑަކުރުން.

*ޓޫރިޒަމް ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ދެއްކުން ވަކި މުއްދަތަކަށް ފަސްކޮށްދިނުން.

އެ މައްސަލައަށް ބަހުސްކުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން އެ މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ނިންމައި ވަނީ ބޭރުކޮށްލައިފައެވެ.

ad