logo

ބޮޑުތަކުރުފާނުމަގުގެ ތިން ސެގްމެންޓެއްގައި 400 މީޓަރު ޝީޓްޕައިލް ކޮށްފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

މާލޭގެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމަންޓް2،3 އަދި 4 ގެ 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލްކުރުމުގެ މަސައްކަތް ނިންމާލައި، 76 އިންސައްތަ ފުރިހަމަކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގުގެ ނަރުދަމާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި ހަފުތާގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މީގެ އިތުރުން، މަގުގައި ފެން ހޮޅި އެޅުމާއި، ފެން ހިންދާ ވަޅުތައް ހެދުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށްދެއެވެ. އަދި އެންކަރ ބްލޮކްތަކާއި ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މި މަޝްރޫއުގެ ފޭސް އެކެއްގެ ސެގްމަންޓް ދޭކުން ފަހަކާ ހަމައަށް މިހާރު މަސައްކަތް ކުރިއަށްދާއިރު، އެމްޓީސީސީން ބުނީ، މިދިޔަ ހަފުތާގައި ކީވޯލް ކެޕިންގްގެ މަސައްކަތް ފެށުމާއެކު، ސެގްމަންޓް 4 ގައި ކުރިއަށްދަނީ ދުވާރު ހެދުމުގެ މަސައްކަތާއި ޕަމްޕް ސްޓޭޝަންގެ ވަޅު ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 21 ގައެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރޭގައި ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭނަށް ފުޅާކުރުމާއި 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރުންް ހިމެނެއެވެ. އޭގެ އިތުރުން ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެއެވެ.

ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި އެންމެ ފުރަތަމަ ނިންމީ އެމްއެމްއޭ ސަރަހައްދާ ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ. އެ ސަރަހައްދު ނިންމައި ހުޅުވީ މިދިޔަ ޑިސެމްބަރު މަހުގައެވެ.

ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ އެމްއެމްއޭ ކައިރިން މާލޭގެ އަތޮޅު ފިހާރަތަކާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، މަގުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ad