logo

ފޯޅަވަހި ލިބުން ޙައްޤީ ރާއްޖެއަށް: ނައިޖަލް ފަރާޖް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
11 ގަޑިއިރު ކުރިން

ފޯޅަވައްސާއި ރާއްޖެ ތަރީޚީގޮތުންނާއި ވިޔަފާރީގެ ގޮތުން ގުޅުން އެބައޮތް ކަމަށާއި، ފޯޅަވަހި ލިބުން ޙައްޤީ ރާއްޖެއަށް ކަމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެއެވެ.

އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން މެންބަރު ފަރާޖް ވިދާޅުވީ ދާދި އަވަހަށް ކުޑަދުވަސްކޮޅެއްގައި ތެރޭގައި ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭއަށް)، އެ ރަށްތަކުގެ ސިޔާދަތީ ބާރު އޮންނަންވާނީ ރާއްޖެއަށް ކަމަށާއި، އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ދިވެހިރާއްޖެ އާއި ޗާގޯސް އާކިޕެލާގޯ އާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އާ ގުޅިގެން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ގޮތް ނިންމާފައި ވަނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް އިން ވަކިކުރުމުގައި ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުން ފެށިގެން ސަރުކާރުތަކުން ގެންގުޅެމުން އައީ ފޯޅަވަހީގެ ބޭރުން އޮންނަ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ބައެއްކަން ގަބޫލުކުރުމުގެ ސިޔާސަތެވެ. އެ ކަނޑުގެ ސަރަހައްދު މޮރިޝަސްއާއި ފުށުއެރި ނަމަވެސް ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ބަދަލެއް ނުކުރެއެވެ.

ރައީސް ޞާލިހުގެ ސަރުކާރުން ވަނީ 200 މޭލުގެ އިގްތިޞާދީ ސަރަހައްދު ރާއްޖެއިން ދޫކޮށްލައި މޮރިޝަސްއަށް ދިނުމަށް ނިންމާފައެވެ.

އދ ގެ ކަނޑުގެ ސަރަހައްދުތަކާބެހޭ މުއާހަދާގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނެއް އެކުލަވާލެވިފަވެއެވެ. އެއީ 27 ޖޫން 1996 ގައެވެ. އެ ގާނޫނުގެ ދަށުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ އެ ގާނޫނުގައި ކަނޑައަޅާފައިވާ އާކިޕެލާޖިކް ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭލުގެ ފުޅާ ސަރަހައްދެކެވެ. އެކަމަކު ހަމަ އެ ގާނޫނުގައި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމުގައި އެހެން ގައުމެއްގެ ހާއްސަ އިގްތިސޯދީ ސަރަހައްދާ ފުށުއަރާނަމަ، އެ ފުށުއަރާ ދިމާލަކާ ބެހޭގޮތުން އެގައުމަކާ ރާއްޖޭގެ ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރިމެންޓެއްގެ ދަށުން އެ ފުށުއަރާ ހިސާބެއް ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މައުމޫނުގެ ވެރިކަން ނިމުނުއިރު ވެސް ރާއްޖޭގެ ދެކުނުން އިނގިރޭސީންގެ ދަށުގައި އޮތް ފޯޅަވައްސާ ދެމެދު ފުށުއަރާ ތަނާ މެދު އެއްވެސް ކަހަލަ އެއްބަސްވުމަކަށް އާދެވި އެގްރިމެންޓެއްގައި ސޮއިކުރެވިފައި ނުވެއެވެ.

އދ ގެ ކަނޑުތަކާބެހޭ މުއާހަދާގެ ދަށުން 2010 ގައި އދ އަށް ހުށައެޅި ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ޗާޓުގައި ފޯޅަވައްސާ ވީކޮޅުން ރާއްޖެއަށް ފުރިހަމަ 200 ނޯޓިކަލް މޭލު ލިބިގެންވާނެ ގޮތަށް ފާހަގަކޮށްފައި އޮތެވ .22 އޮގަސްޓް 2022ގައި ރާއްޖެއިން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފަވާކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ރައީސް ވަނި ނިންމާފައެވެ. ރާއްޖޭގެ ދެކުނުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުން ދިރާސާކޮށް، އަނބުރާ ހޯދުމަށް 19 ނޮވެންބަރު 2023ގައި ބަންޑާރަ ނައިބަށް އަންގާފަވާކަމަށާއި، ފޯޅަވަހި ހޯދުމަށް "ކޮމިޝަން އޮފް އިނކުއަރީ "އެއް އުފެއްދުމަށް ނިންމާފައިވާކަން ވެސް ރައީސް ވަނީ އިޢުލާނުކުރައްވަފައެވެ.

ad