ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ އަގުވަޒަންކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ ޑައިވަރުންގެ ޓީމާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ކޮމިޝަނަރގެ އޮފީހުގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ އަގުވަޒަންކޮށް، މަސައްކަތުގައި ދެއްކި ހިތްވަރަށް ސާބަސްދެއްވާފައެވެ.
އަދި އާންމު ރައްޔިތުންނަށް ހިދުމަތްކުރުމާއި، ފުލުހުންގެ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް ހިތްވަރުދެއްވާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

