logo

ބައިނަލްއަޤުވާމީ އުސޫލުތަކުން ވައިގެ ސަރަހައްދަކީ ކޮބައިކަން ސާފުކޮށްދީފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ރާއްޖޭގެ ކަނޑާއި، ވައިގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި އެ ސަރަހައްދުތަކުގައި ރާއްޖެއަށް ލިބިދޭ ސިޔާދަތީ ބާރުތައް، ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފިއެވެ.

ޑިފެންސް މިނިސްޓްރީން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަހައްދުތަކުގައި ލިބިދޭ އާންމު ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަޤުވާމީ މުއާހަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޯސް) ކަމަށެވެ.

މި މުޢާހަދާގެ ދަށުން ކަނޑުގެ ސަރަޙައްދުތައް އެކި ޒޯންތަކަށް ބަހާލެވިފައިވާއިރު، ކޮންމެ ޒޯނަކަށް ވެސް ތަފާތު ޤާނޫނީ އުޞޫލުތަކެއް ކަނޑައެޅިފައިވެއެވެ. މި މުޢާހަދާގެ ދަށުން، ދިވެހިރާއްޖޭގެ އެތެރެވަރީގެ ކަނޑުގެ ސަރަޙައްދާއި އާކިޕެލަޖިކް (ޖަޒީރާ) ކަނޑުގެ ސަރަޙައްދުގެ މައްޗަށް ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވެއެވެ.

މީގެ ތެރޭގައި ރާއްޖޭގެ އެންމެ ބޭރުގެ ރަށްތައް ގުޅާލައިގެން ކުރަހާފައިވާ ބޭސްލައިންތަކުގެ އެތެރޭގައިވާ ފަޅުތަކާއި ކަނޑުގެ ސަރަޙައްދުތައް ހިމެނެއެވެ. ހުއްދަ ލިބިގެން މެނުވީ ބޭރުގެ އުޅަނދުފަހަރަށް މި ސަރަޙައްދުތަކަށް ވަނުމުގެ އޮޓޮމެޓިކް ޙައްޤެއް ނޯވެއެވެ.

ގައުމުތަކުގެ ވައިގެ ސަރަހައްދުތަކާއި، ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުސޫލުތައް ބަޔާންކުރާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ގައުމުތަކުގެ ސަރަހައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަހައްދަކީ އެ ގައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަޙައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ސަރަހައްދެއްކަމަށް ޑިފެންސުން ބުންޏެވެ.

އެއަށްވުރެ ބޭރުގެ ވައިގެ ސަރަހައްދަކީ އިންޓަނޭޝަނަލް އެއާސްޕޭސްކަމަށް މިނިސްޓްރީން ބުންޏެވެ. އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރް) ހިމެނޭ ސަރަހައްދުގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދޭންޖެހޭއިރު، އެ ސަރަހައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ގާއިމްކޮށްދިނުންކަމަށް ޑިފެންސުން ބުންޏެވެ.

އިންޓަނޭޝަނަލް އެއާސްޕޭސް ގެ ތެރޭގައި ހިމެނޭ އެފްއައިއާރް ސަރަހައްދަށް ވަނުމަށް ގައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައިވިޔަސް، އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތްތަކުން އެފަދަ ދަތުރުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް، މޮނިޓާކުރަމުންދާނެކަމަށް ޑިފެންސުން ބުންޏެވެ.

ad