ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުން އިގްތިސާދީ މަންފާ ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމު ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައެވެ.
ވަޒީރު ވިދާޅުވީ، މިހާރު ރާއްޖޭގައި 93 ސަރަޙައްދެއް ހިމާޔަތްކުރެވިފައިވާއިރު، އޭގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓެމުން ދަނީ އެންމެ 5 ސަރަޙައްދެއް ކަމަށެވެ. އޭގެ ތެރެއިން ގިނަ ސަރަހައްދުތައް އެކަށީގެންވާ ގޮތަށް ނުބެލެހެއްޓޭ ކަމަށާއި އެތަންތަން ހަރުދަނާކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު ރާއްޖޭގައި 3 ބަޔޯސްފިއާ ރިޒާވް ގާއިމުކުރެވިފައިވާ ކަމަށެވެ. އެއީ އައްޑޫ ނޭޗާ ޕާކާއި، ފުވައްމުލަކު ނޭޗާ ޕާކު އަދި ބާ އަތޮޅު ނޭޗާ ޕާކެވެ. މީގެ އިތުރުން ސައުތު އަރި އެޓޯލް މެރިން ޕްރޮޓެކްޓެޑް އޭރިއާއާއި، ޅ. އަތޮޅު ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުން އިިގްތިސާދީ މަންފާ ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހާމަނުކުރި ނަމަވެސް، މި މަސައްކަތްތައް ކުރިއަށްދާނީ ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ގާއިމުކޮށް ތިން ބައޯސްފިއާ ރިޒާވް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.