މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު އަންނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހާ ހަމައަށް ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗަރ މިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތްތަކުގެ ތެރެއިން މާލެއިން ވިލިމާލެއަށް އަދި ވިލިމާލެއިން ގުޅިފަޅަށް މިހާރު ގުޅާލެވިފައިވާއިރު، މުޅި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސް އިން ވަނީ ބުނެފައިއެވެ.
މީޑިޔާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވެގެންދާއިރު ބްރިޖުގެ މަސައްކަތް ނިންމުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން މާލެ ވިޔަފާރި ބަނދަރު ބަދަލުވާންވާއިރަށް ބްރިޖު ހުޅުވުމަށް އިންޑިއާ ސަރުކާރާއި މަސައްކަތް ކުރާ ކުންފުންޏާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމަށް މުއްދަތު ދީފައިވީ ނަމަވެސް، އަމާޒަކީ ނޮވެންބަރު 11 ގެ ކުރިން މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ވިދާޅުވިއެވެ.
"މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު ނޮވެންބަރު 11 އަށް އެ މަސައްކަތް ނިންމާލެވޭނެ،" މުއްތަލިބް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ތެރެއިން މާލެއިން ވިލިމާލެއަށް ގުޅާލުމަށް އަޅާ 2.2 ކިލޯމީޓަރުގެ ބުރިޖުގެ މަސައްކަތް މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ވަނީ ނިންމާލާފައެވެ. އަދި ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބަޔަކީ ގާތްގަނޑަކަށް 750 މީޓަރުގެ ބައެކެވެ. މީގެ އިތުރުން ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުމަށް ގާތްގަނޑަކަށް 600 މީޓަރުގެ ބުރިޖެއް އަޅާއިރު، އެ ބުރިޖު ތިލަފުއްޓާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކުންނެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ މި ބިޔަ މަޝްރޫއުގައި ކަނޑު ހުރަސްކޮށް އަޅާ 3 ބުރިޖާއި، ގުޅާލެވޭ ރަށްތައް ހުރަސްކޮށް ހަދާ ހައިވޭ މަގުތައް ހިމެނެއެވެ. މިހާރުވެސް ބުރިޖު ގޮސް ރަށްރަށާ ގުޅޭ ހައިވޭތަކާއި މަގުތައް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

