މި އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކޮށް ނިންމަންކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރާއްޖޭގައި ފެނު ހިދުމަތް ގާއިމު ނުކުރެވި މިހާރު އޮތީ 43 ރަށުގައިކަމަށެވެ. އަދި ނަރުދަމާގެ ނިޒާމު ގާއިމުނުކުރެވޭ 33 ރަށް އޮތްކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓާރު މުއްތަލިބް ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގއި ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކޮށް ނިންމަން ގާނޫނުން މަތިކޮށްފައިވާކަމަށެވެ. އަދި ޔޫއެންގެ މިލޭނިއަމް ގޯލްގެ ދަށުންވެސް ހުރިހާރަށެއްގައި އަންނަ އަހަރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާ ގާއިމުކޮށް ނިންމަންޖެހޭ ކަމަށެވެ.
" އެހެންވީމާ އަޅުގަނޑުމެން މި ފެށޭ އަހަރުގެ ތެރޭގައި އެންމެ އިސްކަމެއްދޭނީ ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމަށް.' މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓްގައި ފެނާއި ނަރުދަމާއަށް ކަނޑައަޅާފައިވަނީ 205 މިލިއަން ރުފިޔާއެވެ.

