logo

ސަޢީދު މަސައްކަތްކުރެއްވީ އިޚްލާޞްތެރިކަމާއެކުކަން ޤަބޫލުކޮށް، ފިރުޝާން މާފަށް އެދިވަޑައިގެންފި

މަރްޔަމް
13 ގަޑިއިރު ކުރިން
މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ޙުސައިން ފިރުޝާން، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު ސަޢީދު

މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ޙުސައިން ފިރުޝާން، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު ސަޢީދު

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ޙުސައިން ފިރުޝާން، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު ސަޢީދު މުޙައްމަދާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދެއްކެވިފައިވާކަމަށް އެއްބަސްވެވަޑައިގެން، އޭނާއާއި އޭނާގެ އާއިލާގެ ކިބައިން މާފަށް އެދިވަޑައިގެންފިއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރުޝާން ވިދާޅުވީ، އެކި ޕްލެޓްފޯމްތަކުގައި ޖަޒުބާތުގައި ޖެހި ސަޢީދާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ދެކެވިފައިވާތީ އެކަމަށް ނިހާޔަތަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ ކުރިން މަޖިލީހުގައާއި އެހެނިހެން މާޙައުލުތަކުގައި ސަޢީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ފިރުޝާން މިހާރު ވިދާޅުވަނީ، ސަޢީދު ފެނަކައިގައި މަސައްކަތްކުރެއްވީ ވަރަށް އިޚްލާޞްތެރިކަމާއެކުގައި ކަމަށެވެ. އެގޮތުން، ގިނަ ގޮންޖެހުންތަކަކާއެކުވެސް ރައްޔިތުންގެ ލާބަޔަށްޓަކައި، ޒަމާނާ އެކަށީގެންވާ ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ދާއިމީ ޙައްލެއް ހޯދައިދެއްވުމަށް ސަޢީދު ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރެއްވިކަން މިއަދު ހިތުގެ އަޑިން ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަޢީދު ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ފިރުޝާން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފިރުޝާން މިފަދައިން މާފަށް އެދިވަޑައިގެންފައިވާއިރު، ފެނަކައިގެ އެމްޑީކަމުގެ މަޤާމުގެ ނުފޫޒު ބޭނުންކުރެއްވިކަމުގެ ކުށް ސާބިތުވެ، ސަޢީދުގެ މައްޗަށް ދާދިފަހުން ވަނީ 4 އަހަރުގެ ޖަލު ޙުކުމެއް އައިސްފައެވެ.

މިއީ އޭނާ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތަކާ ގުޅިގެން ހެދި ސެޓަލްމަންޓް އެގްރީމަންޓެއްގެ މައްސަލައެއްކަމަށްވާއިރު، މި މައްސަލައިގައި ސަޢީދަށް ދީފައިވަނީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަދަބެއްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ad