މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަންގައި ޑިއުޓީ އަދާކުރަނިކޮށް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އޭނާއަށް ހިތްވަރު ދެއްވައިފިއެވެ.
މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދް ފިކްރީވެސް ބައިވެރިވެލެއްވިއެވެ.
މި ޒިޔާރަތުގައި ވަޒީރު ވަނީ، އެއްވެސް ފަސްޖެހުމެއްނެތި ގައުމީ ވާޖިބު އަދާކުރުމުގައި އެ އޮފިސަރު ދެއްކެވި ހިތްވަރާއި، ސާބިތުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތް ފާހަގަކުރައްވާފައެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ އޮފިސަރުން ވަމުންދާ މަތިވެރި ގުރުބާނީ ވަޒީރު ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ޒިޔާރަތުގައި ވަޒީރު ވަނީ މި ދަތި ދަނޑިވަޅުގައި އާއިލާއަށް ހިތްވަރު ދެއްވާފައެވެ. އަދި ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރާއި މުއައްސަސާގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އާއިލާއަށް ވަނީ ދެއްވާފައެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 17 ވަނަ ދުވަހުގެ ފަތިހު 04:29 އެހައިކަންހާއިރު، ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. އަނިޔާވި އޮފިސަރަކީ، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށާއި މަގުމަތީގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުން ދިޔަ އޮފިސަރެކެވެ. އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ލިބުނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ބެރިކޭޑެއްގައި ޖެހި ފުލުސް އޮފިސަރުގައި ގައިގައި ޖެހިގެންނެވެ.


