ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފައިވާކަމަށެވެ.
މިމައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3110 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ކަސްތަމްސްއިން ބުނެއެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ތަހުލީލު ކުރިއިރު، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހުވެސް ކަސްޓަމްސްއިން ވަނީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެ ތަކެތި އަތުލައިގަތީ އިންޑިއާއިން އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް އައި ދެ ފަސިންޖަރެއްގެ އަތުންނެވެ.
ކަސްޓަމްސްއިން ދަނީ ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

.png&w=3840&q=75)