މި އަހަރުގެ މެއި މަހުގެ ތެރޭގައި ނިޔާވި އެމްއެންޑީއެފްގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއަށް މަދަނީ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" ދޭން އިޓަލީން ނިންމައިފި އެވެ.
ކޮލޮމްބޯގައި ހުންނަ އެ ގައުމުގެ އެމްބަސީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ، މަހުދީގެ ހަނދާނުގައި އޭނާއަށް އެ ޝަރަފު އަރުވަނީ އާދަޔާހިލާފު މަދަނީ ހިތްވަރުގަދަކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
މިއީ އެފަދަ ހިދުމަތްތެރިންގެ އަގުވަޒަންކޮށް އިޓަލީން ދޭ އެންމެ މަތީ ޝަރަފެވެ.
މި ޝަރަފު ދިނުމަށް ނިންމުމުގެ އިތުރުން، މަހުދީގެ އާއިލާއަށް އެހީތެރިވުމަށް ފަންޑު ހޯދުމުގެ ހާއްސަ ހަރަކާތެއް ވެސް ފަށާފައިވެ އެވެ. މިކަން ކުރިއަށް ގެންދަނީ އިޓަލީ އެމްބަސީ އާއި މާލޭގައި ހުންނަ އެ ގައުމުގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީ ގުޅިގެންނެވެ.
މިއިން ލިބޭ ހުރިހާ ފައިސާއެއް މަހުދީގެ ޝަރުއީ ވާރިސުންނާ ހަވާލުކުރާނެ ކަމަށާއި، މި އެހީތެރިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އެމްބަސީން ޝުކުރު ވެސް އަދާކުރާ ކަމަށް ބުނެފައިވެ އެވެ.
އެމްއެންޑީއެފްގެ ޑައިވަރެއްގެ ގޮތުގައި މަސައްކަތްކުރި ސްޓާފް ސާޖަންޓް މަހުދީ ނިޔާވީ، ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނުމުގެ ތެރޭގައި މަރުވި އިޓަލީގެ ޑައިވަރުންތަކެއްގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް މެއި މަހުގެ 16 ގަ އެވެ.
ކަނޑުއަޑީގެ އެ ހޮހަޅައަކަށް ފީނުމުގެ ތެރޭގައި އިޓަލީގެ ފަސް ޓޫރިސްޓަކު މަރުވެފައިވެ އެވެ. އެމީހުންގެ ހަށިތައް ހޯދައި ނަގާފައި ވަނީ ފިންލޭންޑުގެ ތިން ޑައިވަރުންނާ އެކު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
އެ ތިން ޑައިވަރުންނަށް އިޓަލީގެ ސަރުކާރުން "އޯޑާ އޮފް މެރިޓް" ގެ ޝަރަފު ވެސް އަރުވާފައިވެ އެވެ. އެއީ އާންމު ރައްޔިތުންނަށް އިޓަލީން އަރުވާ އެންމެ މަތީ ޝަރަފެވެ.

