ބޭރަށް ހިންގުމާއި ރޯގާގެ ބަލިތައް މާލެ ސަރަހައްދުގައި ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖޫން މަހު އަރިދަފުސް ރޯގާ ޖެހިގެން 34،877 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައެވެ.
އެގޮތުގައި މިދިޔަ މަހު 652 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައެވެ. މެއި މަހާ އަޅާބަލާ އިރު، ޖޫން މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ދަށްވެފައިވާ ކަމަށް އެ އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މެއި މަހު ޑެންގީ ހުން ޖެހިފައިވަނީ 794 މީހަކަށެެވެ.
މި އަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހުގައި ރޯގާގެ ރިޕޯޓްތައް ވަނީ ދަށްވެފައެވެ. މިދިޔަ މަހު 34877 އަރިދަފުސް ރޯގާގެ ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ. އަދި މެއި މަހު 40،457 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ.
އިންފްލުއެންޒާގެ ތަފާސްހިސާބުތަކަށް ބަލާއިރު މެއި މަހު އެ ބައްޔަށް 681 މީހަކު ވަނީ ޕޮޒިޓިވްވެފައިވެއެވެ. އަދި ޖޫން މަހު142 މީހަކު އިންފްލުއެންޒާއަށް ވަނީ ޕޮޒިޓިވްވެފައެވެ. މި އަހަރުގެ މިހާތަނަށް 2694 މީހަކު ވަނީ އިންޕްލުއެންޒާއަށް ޓެސްޓުކޮށްފައެވެ. އަދި 999 މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހާއި އަޅާބަލާއިރު ޖޫން މަހުގެ ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. މިދިޔަ މަހު 4،442 މީހަކު ބޭރަށް ހިންގައި ހޮޑުލެވޭތީ ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި މެއި މަހު ވަނީ 4،726 މީހަކު ޑޮކްޓަރަށް ދައްކާފައެވެ.
އެޗްޕީއޭއިން ވަނީ މި ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން، ބަލިތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި މާލޭ ސަރަހައްދުގައި ހިމަބިހި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ވެސް ވަނީ އެދިފައިވެއެވެ.
އެގޮތުން ހުން އައިސް ގައިގާ ރަތްބިހި ނަގާނަމަ، ނުވަތަ ރޯގާގެ އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އަދި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒްކުރުމާއި މަދިރިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުމަށް އެދިފައިވެއެވެ.

