ދެފުށްފެންނަ އަދި ޖަވާބުދާރީވާ ސަރުކާރެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ވުޒާރާތަކުގެ މަސައްކަތްތައް އޮޅުންފިލުވައިދިނުމަށާއި ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވައި އަދާހަމަ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ "އަހާ" ފޯރަމް ސިލްސިލާގެ އައު ބައްދަލުވުމެއް މިރޭ ކުރިއަށްގެންދަން ނިންމަވައިފިއެވެ.
ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގުޅިގެން ގެނެސްދޭ "އަހާ" ފޯރަމް ސިލްސިލާގެ މިރޭ ކުރިއަށް ގެންދަނީ 9 ވަނަ ބައްދަލުވޫމެވެ.
މި ފޯރަމްގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރާނެ ފަހި ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު، އެ ތަންތަނުގެ އެންމެ އިސްވެރިންނާ ސުވާލުކޮށް، ރައްޔިތުންގެ ހުރި ޝަކުވާތަކަށް ސީދާ ޖަވާބު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
2 ގަޑިއެއްހާއިރަށް ލައިވް ޕްރޮގްރާމެއްގެ ގޮތުގައި ގެނެސްދެވޭ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވޭއިރު، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލައެވެ. މިގޮތުން، މިރޭގެ ބައްދަލުވުމުގައިވެސް، މިވަގުތު ހުރި ކަންބޮޑުވުންތަކާއި އެނޫންވެސް އެކި ދާއިރާތަކުން އާންމުންގެ ގިނަ ސުވާލުތަކެއް ވަޒީރުންނާއި ބަންޑާރަނައިބަށް އަމާޒުކުރެވެއެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް، ތަފްސީލީ ގޮތެއްގައި އަދާހަމަ މައުލޫމާތު ހިއްސާކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، "އަހާ" ފޯރަމް ތަޢާރަފުކުރެއްވީ 2024 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ސިލްސިލާގެ ގިނަ ބައްދަލުވުންތަކެއް ކާމިޔާބުކަމާއެކު ވަނީ ކުރިއަށްގެންދަވާފައެވެ.
"އަހާ" ފޯރަމަކީ ވަޒީރުންގެ ފެންވަރުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ސީދާ ބައްދަލުކޮށް، ސުވާލު ދެންނެވުމަށާއި، ޚިޔާލު ފާޅުކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން "ރައްޔިތުންގެ އަޑު" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއްވެސް ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދަވައެވެ.
މިރޭގެ ފޯރަމުގައި ވެސް ތިން މިނިސްޓަރަކު ބައިވެރިވަޑައިގަންނަވާނެ އެވެ. އެއީ ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދެވެ.


