އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވޯޓުލުން ފަށައިފިއެވެ.
ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރު 14:30ގައެވެ. އެމްޑީޕީން ބުނީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު މެންދުރު 14:30 އިން ރޭގަނޑު 20:30 އާ ހަމައަށްކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އަދި އިބްރާހިމް މުޙައްމަދުއެވެ.
މާލެ އާއި ރަށްރަށުގައި ވޯޓު ފޮށި ބަހައްޓާފައި ވަނީ ސްކޫލްތަކުގަ އެވެ. މި އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. މި އިންތިހާބުގައި ސްރީލަންކާގައިވެސް ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ. މީގެ ތެރެއިން 240 ވޯޓުފޮށި ބަހައްޓާނީ ރާއްޖޭގައެވެ. ލަންކާގައި ބަހައްޓާނީ އެއް ވޯޓު ފޮށި ކަމަށް އެ ޕާޓީން ބުނެއެވެ.
މިފަހަރުގެ އިންތިހާބުގައި ރަށްރަށާއި މާލޭގައިވެސް ވޯޓުފޮށިތައް ބަހައްޓަން ނިންމާފައިވަނީ ސްކޫލްތަކުގައެވެ. ކުރިން ރަށްރަށުގެ އެމްޑީޕީ ހަރުގޭގައި ބަހައްޓަން ނިންމި ވޯޓުފޮށިތައްވެސް އެ ރަށްރަށުގެ ސްކޫލްތަކުގައި ބަހައްޓަން އެ ޕާޓީން ވަނީ ނިންމާފައެވެ.
މާލޭގައި ވޯޓުފޮށިތައް ބަހައްޓަނީ 10 ސްކޫލެއްގައެވެ. އެއީ ހުރަވީ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލާއި ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލާއި މާފަންނު މަދުރަސާ އާއި ގަލޮޅު ސްކޫލާއި މުހިއްޔިއްދީން ސްކޫލުގެ އިތުރުން ކާމިލްދީދީ ސްކޫލުގައެވެ.
އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ދަފުތަރުން ދައްކާ ގޮތުގައި އެ ޕާޓީގައި ތިބީ 43,784 މެންބަރުންނެވެ. ނަމަވެސް މިއަދު ބާއްވާ އިންތިޚާބުގައި 48،912 ވޯޓުލުމުގެ ހައްގު ލިބޭކަމަށް އެމްޑީޕީން ނެރެފައިވާ ދާއިމީ ވޯޓާސް ލިސްޓުން ދައްކައެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާޢީލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
އެމްޑީޕީގެ އެތެރޭގައި ފެކްޝަންތަކުގެ ވާދަވެރިކަން ބޮޑެވެ. ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރަމުން ދަނީ އެންމެ ފަހުން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލްގެ ފެކްޝަނާ އެކީގަ އެވެ.
މީކާއިލްގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނުންނެވެ. ނަމަވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާކަން ޝާހިދު އިއުލާންކުރައްވާފައިވެއެވެ.
