logo

ަައެފްޑީސީގެ ދެ ފްލެޓަކަށް ކުލި ނުދައްކައިގެން ތަންހުސްކުރަން ނޯޓިސްދީފި

މަޒީ
8 ގަޑިއިރު ކުރިން

ހުޅުމާލޭގައި ހުންނަ 4000 ފްލެޓްގެ ތެރެއިން ދެ ފްލެޓަކުން ގަވާއިދުން ކުލި ނުދައްކާތީ އެތަންތަން ހުސްކުރަން އަންގާފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އަމާން ޓަވަރުތަކުގެ ދެ ޔުނިޓަކާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ޔުނިޓުތައް ހުސްކުރުމަށް އެ ފަރާތްތަކަށް މިހާރު ވަނީ ނޯޓިސް ފޮނުވާފައެވެ.

ފައިސާ ދެއްކުމަށް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން އެކަށީގެންވާ ފުރުސަތުތަކެއްދެވި، ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅާ ދިޔައިރުގައިވެސް އެ ފަރާތްތަކުން ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓު ހުސްކޮށް ހަވާލުކުރުމަށް މިހާރު ވަނީ އަންގާފައި ކަމަށާއި އަދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދެވިފައިވާ އެކްސެސް ވެސް ވަނީ ކަނޑާލެވިފައި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މި ފިޔަވަޅުތަކަކީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ތަންފީޒުކުރުމުގެ މަގުސަދުގައި އަޅާފައިވާ ފިޔަވަޅުތަކެއްކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ. ފިޔަވަޅު އެޅުމުގެ ކުރިން އެކަށީގެންވާ ނޯޓިސް ދެވި، ޒިންމާތައް އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުމާއެކު، ހައުސިންގ ޔުނިޓުތައް ބެލެހެއްޓުމުގައި ދެފުށް ފެންނަ އަދި އިންސާފުވެރި އުސޫލުތަކެއް ދެމެހެއްޓުމަށް އެފްޑީސީން އަބަދުވެސް އިސްކަންދީ، އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކެވުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެފްޑީސީއިން ވަނީ އިލްތިމާސްކޮށްފައެވެ

ad