ޤައުމެއްގައި ތަރައްޤީއާއި ކުރިއެރުމުގެ ތެރެއިން ރައްޔިތުންނަށް އޭގެ ޙަޤީޤީ ފޮނި މީރުކަން ލިބެނީ އެޤައުމެއްގެ އިންސާނީ ސިކުނޑިތައްވެސް އޭގެ އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެންކަން ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ ދޮން ބަންޑާރައިން ގައުމުގެ ދިފާއުގައި ތެދުވެވަޑައިގެންނެވީ ލިބިދާނެ ވެރިކަމުގެ މޮޅަކަށް ނުވަތަ ހޯދިދާނެ ޝަރަފަކަށް ނޫން ކަމަށާއި ދިވެހި ތަހުތު އެމަނިކުފާނަށް ވެދުން ކުރެވުނު ހިނދު ކުރެއްވީ އިންކާރު ކަމަށެވެ.
އެހެންނަމަވެސް އަމާނަތްތެރިކަން އިސްކުރައްވާ ހޮޅީންގެ ބަންދުގައި ހުންނެވި ދިވެހި ރަސްގެފާނަށް ވަފާތެރިކަން އަދާކުރެއްވިކަން ފާހަގަކުރައްވައި ހީނާ ވަނީ އަމިއްލަފުޅަށް މިލްކު ކުރެވެން އޮތް ވެރިކަމަށް އެ ރަދުންގެ ބޭފުޅަކު ލައްވައިގެން އެރަސްކަން ހިންގައިދެއްވިކަމަށެވެ. އެހެންކަމުން ދޮން ބަންޑާރައިންނަކީ ބަޠަލެއްގެ އައުލާ މިސާލެއްކަމަށްވެސް ހީނާ ވިދާޅުވިއެވެ.
އަދި މިއަދަކީ އެ މަތިވެރި ބަތަލާ ގުޅުން ހުރި ދުވަސް ކަމަށާއި ހޮޅީންގެ އަތްދަށުން ދިވެހީން މިނިވަންވި ދުވަސް ކަމަށާއި ހުރަވީ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރަމުން މިދަނީ އެހަނދާނުގައި ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ އެފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅަންވީ އަދި އިބްރަތް ލިބިގަންނަންވީ މުހިއްމު ފިލާވަޅުތަކެއް އެބަހުރި ކަމަށެވެ. އެއީ ގައުމުދެކެ ލޯބިވާން، ގައުމު އިސްކުރަން، އަދި ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހާ ރިވެތި އަހްލާގީ ސިފަތައް ދަމެހެއްޓުން ކަމަށް ވެސް ހީނާގެ ޥާހަކައިގައި ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވިޝަން 2040 ވަނަ އަހަރަކީ ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށް ކުރެވޭ އުމްރާނީ އަދި އިސްތިރާޖީ މަސައްކަތްތަކާ އެކުއެކީގައި އިންސާނީ ބިނާ ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ވަށާޖެހޭ ތަރައްޤީ ގެނައުމަށް މަގުފަހި ވެގެންދާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

