logo

މާލެ ވެޓް މާކެޓުގެ މަސައްކަތް: މާލެ ސިޓީ ކައުންސިލުން މިނިސްޓްރީގެ އެދުމަށް އެއްވެސް އިޖާބައެއް ނުދޭ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

މާލޭ ވެޓް މާރުކޭޓްތަކުގެ އިންފްރާސްޓަކްޗާރ ޒަމާނީ ފެންވަރަށް ތަރައްގީކޮށް އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްދާ މާލެ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަޝްރުއު 15 މާރޗް 2026 ވަނީ ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓްލިމިޓެޑާއި ހަވާލުކުރެވިފައި ކަމަށާއި، ނަމަވެސް ދެމަސް ވެގެންދާއިރު މަޝްރުއު ހިންގުމައްޓަކާ ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީ އާއި ހަވާލުކޮށްފައި ނުވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓަކްޗާރ ހައުސިން އެންޑް އާބަން ޑިވޮލޮޕްމެންޓުން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ މާލޭ ވެޓް މާރުކޭޓްތަކުގެ މަޝްރުއުގެ އެއްބަސްވުމުގާ ސޮއި ކުރުމައްފަހު ކޮންޓެކްޓާރ މަސައްކަތުގެ ސައިޓް ހަވާލުކުރުމައްޓަކައި އެ ސަރަހައްދުގެ ބިން މިނިސްޓްރީ އާއި ހަވާލުކޮށްދިނުމަށް އެދި 29 މާރޗް ތަފްސީލީ ކުރެހުންތަކާއެކު މާލެ ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީ އަށް ޖަވާބު ދީފައި ނުވާ ކަމަށާއި، ސިޓީ އަށް އެެއްވެސް ޖަވާބެއް ލިބިފައިނުވާތީ އަނެއްކާވެސް ސިޓީ ފޮނުވި ކަމަށެވެ.

އަދި މަޝްރޫއަށް ބޭނުންވާ ބިން ހަވާލުކޮށްދިނުމަށް އެދި މިނިސްޓްރީން ތަކުރާރުކޮށް ދަންނަވާފައިވީ ނަމަވެސް އެ ބިން ހަވާލު ކުރެވެން ނެތް ކަމަށް ބަޔާންކޮށް ސިޓީ ކައުންސިލުން ސިޓީން މިނިސްޓްރީއަށް ވަނީ އަންގާފަވާ ކަމަށާއި، ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ 9 މާޗް 2023 ގައި އެ ކައުންސިލާއި ހައިރު އިންޖިނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުއްގެ ދަށުން މަސްމާރުކޭޓް ސަރަހައްދު ތަރައްގީ ކުރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމެވެ. އަދި ބިން ހަވާލު ކުރެވޭނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ އެއްބަސްވުން ބާތިލު ކުރުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްވެސް ބަދަލަކާ ނުލައި އެއްބަސްވުން ބާތިލު ކުރުމަށް އެ ކުންފުނީގެ ފަރާތުން ކައުންސިލަށް ސިޓީ ފޮނުވާފަ ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ކޮށްފައި ނުވާ ކަމަށެވެ.

"ވެޓް މާކެޓް ކޮމްޕްލެކްސް" ގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލުން ޕްލޭންކޮށް، ޑިޒައިން ކޮށްފައިވާ ގޮތަށެވެ. އެއީ އެ ކައުންސިލުން މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން އެއްވެސް ކަމެއް ނުކޮށް އޮތުމުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ދެކޭތީ ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ..

ސިޓީ ކައުންސިލުން މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިތައް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އެ މަޝްރޫއުގެ އެއްބަސްވުން ބާތިލު ކުރުމަކީ އެކަމުގައި އެއްވެސް ހުރަހެއް އޮތް ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. "އެއްބަސްވުން ބާތިލު ނުކުރި ނަމަވެސް އެބިން ސަރުކާރާއި ހަވާލު ކުރުމަށް ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ..

މިނިސްޓްރީން ވަނީ ދައުލަތުގެ އިދާރާއަކުން ހިންގަން ބޭނުންވާ މަޝްރޫއަކަށް ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ވަސީލަތެއް ބިނާއެއް ނުވަތަ ނުއުފުލޭ ހަރުމުދަލެއް ބޭނުންވެއްޖެ ހިނދެއްގައި، އެފަދަ ތަނެއް ނުވަތަ މުދަލެއް ދައުލަތުގެ ބޭނުމަށް ނެގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށާއި ގައުމީ ތަރައްގީ އާއި ގުޅުން ހުރި މަޝްރޫއެއް ހިންގުމަށްޓަކައި ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ވަސީލަތެއް ބޭނުން ކުރުމަށް ދައުލަތުން އެދިއްޖެނަމަ، އެކަމަށް ދޭން ޖެހޭ ހުއްދަ ކައުންސިލުން ދޭން ވާނެ ކަމަށެވެ.

މިކަން މިގޮތަށް އޮތް ނަމަވެސް މާލެ ސިޓީ ކައުންސިލުން މިނިސްޓްރީގެ އެދުމަށް އެއްވެސް އިޖާބައެއް ނުދީ، މިއަދާ ހަމައަށް ވެސް އެ ބިން ހަވާލު ނުކޮށް އޮތުމަކީ އާންމު ރައްޔިތުންގެ ލާބައާއި މަންފާއަށްވުރެ ބޮޑަށް ސިޔާސީ މަސްލަހަތު އިސްކޮށްގެން ކުރަމުންދާ ކަމެއްކަމުގައި ގަބޫލު ކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ..

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް، މި މަސައްކަތް ނުފެށި ލަސްވާ ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާއި ހަވާލުކޮށްފައި ނުވުން ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން މާލެ ސިޓީ ކައުންސިލުން އާންމުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވަނީ ފާހަގަ ކޮށްފައެވެ.

ad