ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެދި ޕީއެންސީގެ މަތީ މަޖިލިހުން ދެންމެ ގަރާރެއް ފާސްކޮށްފިއެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުންގެ ފަރާތުން މި ގަރާރު އެ މަޖިލީހަށް ހުށަހަޅައިދެއްވީ އަބްދުﷲ އިބްރާހިމްއެވެ. މި ގަރާރު ފާސްކުރީ، މަތީ މަޖިލިހުގައި ބައިވެރިވެވަޑައިގެންނެވި 1،119 މެމްބަރުންގެ އިއްތިފާގުންނެވެ.
ޕީއެންސީގެ އަސާސީ ޤަވާއިދުގެ 88 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ ހުށަހެޅި މި ޤަރާރުގައި ބަޔާންކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގެންފިނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިގެންދާނެ ކަމަށެވެ.
އަދި ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްކުރައްވައި، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލައްވައި، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރައްވާފައިވާކަން ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.
މެންބަރުންގެ މަޖިލީހުން ރިޔާސީ ޓިކެޓު ރައީސަށް ދޭން ނިންމައި، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސަށް ދެންނެވުމަށް ހުށަހެޅި މިގަރާރ ބަލައިގަނެ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުން ވަނީ ތާއީދުކުރައްވާފައެވެ.
މަންދޫބުން ވިދާޅުވާ ގޮތުގައި މި ގަރާރަށް ތާއީދުކުރަން ޖެހޭ ވަރަށް ގިނަ ސަަބަބުތައް އެބަހުއްޓެވެ. އެގޮތުން ގައުމުގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމާއި ގައުމުގައި މޫލާފައި ހުރި ގޯސްކަންކަން މުލުން ލުހެލައްވަން ކެރިވަޑައިގެންނެވި ރައީސަކީ ޑރ. މުއިއްޒު ކަމަށް މަންދޫބުން ވަނީ ވިދާޅުވެފައެވެ.

