logo

ގުޅީފަޅުން ގޯތީގެ ބިން ހަވާލު ކުރިކަމުގެ ލިޔުން އޮންލައިންކޮށް ދޫކުރަނީ

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ މަސައްކަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ބިނާރާއި ގެދޮރުވެރިކަމާއި އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ.

އެ ވުޒާރައިން މިއަދު ބުނީ، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ހިދުމަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުސަތު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯދުމަށް، ޕޯޓަލްއަށް ވަދެ، 'ހިޔާވަހި ޕޯޓަލް' އަށް އީފާސް މެދުވެރިކޮށް ލޮގިން ކުރަން ޖެހޭނެއެވެ. އަދި ގޯތި ހަވާލުކުރުމުގެ ބަޔަށް ގޮސް، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ، އެ ފަރާތަކަށް ލިބިފައިވާ ގޯތީގެ ތަފްސީލު ފެންނަން ހުންނާނެއެވެ. އަދި 'ގޯތި ހަވާލުކުރިކަމުގެ ލިޔުން' މި ބައިން ޑައުންލޯޑް ކުރެވޭނެއެވެ.

އެ ވުޒާރާއިން ބުނީ، ހަވާލުކުރި ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެއްލެވުމަށް ކިއުއާރް ކޯޑަކާއި ލިންކެއް ހިމެނިފައިވާނެ ކަމަށެވެ. މި ކޯޑު ސްކޭން ކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި އޮތް ތަން މެޕުން ފެންނާނެއެވެ.

އެ ވުޒާރާއިން ބުނީ، މި ލިޔުން ޑައުންލޯޑް ކުރެވޭނީ، ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރަނީ ގުޅިފަޅަށް ގޮސްގެންނެވެ. އެ ވުޒާރާއިން ބުނީ، މިހާރު އެ ސަރަހައްދަށް ނުގޮސް، ޕޯޓަލް މެދުވެރިކޮށް މި ލިޔުން ހޯދޭނެ ކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެފަރާތެއްގެ ގޯތި އޮތް ސަރަހައްދާއި، ގޯތީގެ މިހާރުގެ ހާލަތު ބަލައިލުމުގެ ފުރުސަތު އޮންނާނެ ކަމަަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ad