logo

މިއަހަރުގެ މިހާތަނަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަ: ފުލުހުން

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

މިއަހަރުގެ މިހާތަނަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ޖުމްލަ 5,226 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 1,492 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. ފުލުހުންނަށް ހުށަހެޅުނު އެހެނިހެން މައްސަލަތަކަށް ބަލާއިރު، 1,380 އެކްސިޑެންޓް، މަސްތުވާތަކެތީގެ 867 މައްސަލަ، ތަކެތި ގެއްލިގެން 448 މައްސަލަ، މާރާމާރީގެ 289 މައްސަލަ، މުދަލަށް ގެއްލުންދިނުމުގެ 275 މައްސަލަ، ގެވެށި އަނިޔާގެ 154 މައްސަލަ، ހިޔާނާތުގެ 116 މައްސަލަ، ޖިންސީ ކުށްތަކުގެ 108 މައްސަލަ އަދި ފޭރުމުގެ 76 މައްސަލައިގެ އިތުރުން އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ 21 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޖަނަވަރީ މަހުއެވެ. އެގޮތުން ޖަނަވަރީ މަހު 1,108 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ފެބްރުއަރީ މަހު 953 މައްސަލަ ރިޕޯޓްކޮށްފައި ވާއިރު، މާޗު މަހު 966 މައްސަލަ، އޭޕްރީލް މަހު 874 މައްސަލަ އަދި މިދިޔަ މެއި މަހު 1،049 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ދައްކައެވެ. އަދި މި މަހުގެ މިހާތަނަށް 125 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މުޖުތަމަޢުގައި ހިނގާ މިފަދަ ކުށްތަކާއި އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކުން އަންނަނީ އިރުޝާދު ދެމުންނެވެ. އަދި އާންމުން ހޭލުންތެރިކުރުމަށް އެކި ފެންވަރުގައި ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

ad