logo

އިގްތިޞާދީ ގޮތުން މިނިވަންކުރެވިގެން ނޫނީ ގައުމު މިނިވަނެއް ނުވާނެ: ރައީސް

މަޒީ
21 ގަޑިއިރު ކުރިން

އިގްތިޞާދީ ގޮތުން މިނިވަންކުރެވިގެން ނޫނީ މިނިވަނެއް ނުވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަޢީސުލްޖުމްހީރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ މިއަދު ރަސްމާލޭގެ ތަރައްޤީއާއި ގުޅޭގޮތުން ދަ ޕަލްސް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ދަ ޕަލްސް" ގެ މިއަދުގެ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރަޢީސް ވިދާޅުވީ މިނިވަންކަން ޔަގީން ވަނީ ހަމައެކަނި ކަނޑިއާއި ބަޑި ހުރެގެން ނޫން ކަމަށެވެ. އެކަން ކުރެވޭނީ ދިވެހިރާއްޖޭގެ އިގްތިޞާދު ވަރުގަދަ ކުރެވި، އިގްތިޞާދީ ގޮތުންވެސް މިނިވަންވެގެން ކަމަށެވެ.

މިގައުމުގައި މިހާރު އޮތް ޑެފިސިޓަކީ މި ސަރުކާރު އައިސްގެން ހޯދި ޑެފިސިޓެއް ނޫން ކަމަށާއި އެއީ އެތައް ޒަމާނަކުން ސަރުކާރަކަށް ފަހު ސަރުކާރެއް ޖަމާކުރަމުން އައި ބޮޑު ދަރަންޏެއް ކަމަށާއި މި ސަރުކާރުން މިހާރުވެސް ދަނީ އެ ދަރަނި ދައްކަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަރަނި ކުޑަކޮށް ދިވެހިރާއްޖޭގެ ޖީޑީޕީ މަތިކުރުމަށް އެއްފަހަރާ މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން މިކަން ކުރެވޭނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް މަތިކުރުމަށް ކުރާ މަސައްކަތްތަކަކީ މަޑު ދުވެއްޔެއްގައި ދާ ކަމަކަށް ނުވެ އެއީ ބޮޑެތި އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެނެވިގެން ކުރާ ކަމެއްގޮތަށް ކުރިއަށް ގޮސްގެންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އޭގެ ސަބަބުން އަވަސް މިނެއްގަ ރާއްޖޭގެ ރައްޔިތުން ދަރަނިން ސަލާމަތް ކުރެވި ދިވެހި ރައްޔިތުންނަށް މުއްސަނދިކަން އިތުރު ކުރެވޭނެ ކަމަވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ތަންތަން 99 އަހަރަށް ދޫކުރުމާއި އެ ތަންތަނުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ދެމިއޮންނާނީ ދިވެހި ދައުލަތަށް ކަމަށާއި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން، އެ ތަންތަން އަނބުރާ ލިބޭނީ ސަރުކާރަށް ކަމަށެވެ. އަދި ސަރުކާރުގެ ބައިވެރިވުމެއް ނެތި އަމިއްލަ ފަރާތްތަކުގެ މެދުގައި މިލްކުވެރިކަން ބަދަލުނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ، މި މަޝްރޫއުގެ އެއްވެސް ކަމެއް ގާނޫނާއި ގަވާއިދާ ހިލާފަށް ނުހިނގާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކަށް ސަރުކާރުން އަބަދުވެސް ޖަވާބުދީ ތެދު މަޢުލޫމާތު ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރަސްމާލޭގެ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގައި ތަރައްގީކުރާ މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ މަޝްރޫޢަކީ 20 ބިލިޔަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެކެވެ.

ad