ފާއިތުވެދިޔަ ހަފުތާގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ސަބްސިޑީއަށް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުތަކުގެ ތަފާސްހިސާބުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ސަބްސިޑީއަށް ޖުމްލަ 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ 2.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.5 ބިލިއަން ރުފިޔާ ނުވަތަ 78.4 އިންސައްތައިގެ އިތުރުވުމެކެވެ. އެގޮތުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ކުރި ޖުމްލަ ހަރަދު ވަނީ 5.6 ބިލިއަން ރުފިޔާއިން 8.1 ބިލިއަން ރުފިޔާއަށް ނުވަތަ 44.1 އިންސައްތަ މަތިވެފައެވެ.
އާސަންދައަށް ކުރި ހަރަދު 1.4 ބިލިއަން ރުފިޔާއަށް ނުވަތަ 14.7 އިންސައްތަ މަތިވެފައިވާއިރު، އެހެނިހެން އެހީތަކާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް ނުވަތަ 58.4 އިންސައްތަ މަތިވެފައެވެ. މީގެ ތެރޭގައި އަދުލުއިންސާފުގެ ދާއިރާ މާލީގޮތުން މިނިވަންކަން ކަށަވަރުކުރުމުގެ ގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ 8.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.2 އިންސައްތައިގެ އިތުރުވުމެކެވެ. އިދާރީ އަދި ހިންގުމުގެ ހަރަދުތައް 11.8 ބިލިއަން ރުފިޔާއިން 15.0 ބިލިއަން ރުފިޔާއަށް ނުވަތަ 27.4 އިންސައްތަ މަތިވެފައިވާއިރު، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދު ވަނީ 3.1 ބިލިއަން ރުފިޔާއިން 3.3 ބިލިއަން ރުފިޔާއަށް 9.1 އިންސައްތަ އިތުރުވެފައެވެ.
ކެޕިޓަލް ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ބިމާއި އިމާރާތްތަކަށް ކުރި ހަރަދު ވަނީ 800.0 މިލިއަން ރުފިޔާއިން 1.2 ބިލިއަން ރުފިޔާއަށް ނުވަތަ 46.2 އިންސައްތަ މައްޗަށް ގޮސްފައެވެ. އަދި ހަރުމުދާ ހޯދުމަށް ކުރި ހަރަދު 378.1 މިލިއަން ރުފިޔާއިން 451.5 މިލިއަން ރުފިޔާއަށް (19.4 އިންސައްތަ) ވަނީ އިތުރުވެފައެވެ. ނަމަވެސް، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހަރަދުވެފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރު މި ދާއިރާއަށް ހަރަދުކުރި 5.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 30.0 އިންސައްތައިގެ ދަށްވުމެކެވެ.
13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް ހުރީ 2.4 ބިލިއަން ރުފިޔާގައެވެ. ދައުލަތުގެ ބަޖެޓްގެ ޖުމްލަ ބެލެންސް މިހާރު ހުރީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

.jpg&w=3840&q=75)