ފުލުހުންނާ ސިފައިން މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާއިރު ތިބީ ބަލަން ކަމަށާއި، ސިފައިންގެ އީމާންތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.
މާޒް ސަލިމް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެންދާއިރު ސަލާމަތީ ބާރުތަކުން ބަލަން ތިބެނީ ކަމަށާއި، ވެރިކަން ބަދަލުކުރުމަށްފަހު ސިފައިންނާއި ފުލުހުންގެ އިސްވެރިން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ހައްގު އަދަބު ދޭނެކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލުވާލަން އުޅެނީ ފައިސާ އަށް ކަމަށެވެ. އީމާންތެރިކަމާ މެދުގައި ކަންބޮޑުވާ ކަމަށެވެ. ދިވެހިރާއްޖޭގެ ފަސްގަނޑުގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވަން ގެނެސް ތާއަބަދަށް މި ޤައުމު އަޅުވެތިކުރުމަށް ފާޅުގައި މަސައްކަތް ކުރި ނަމަވެސް މި މަހުގެ 17 ވަނަ ދުވަހުގެ ފަހުން އަޅުވެތިކުރަން ނިންމާފައި އޮތް ހާލަތު ބަދަލުކުރާނެ ކަމަށެވެ.
ﷲ ގެ އިރާދަފުޅާއެކު މި ވެރިކަން ބަދަލުކުރާނެ ކަމަށާއި، އޭގެ ފަހުން އަސްކަރިއްޔާ އާއި ފުލުހުންގެ ތެރޭގައި އިސްކޮށް ތިއްބެވި ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށެވެ. އަދި އެ ޝަރީއަތްތައް ހިންގުމަށްފަހު އެ ފަރާތްތަކަށް ހައްގު އަދަބު ދޭނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ
ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް ރައްޔިތުން އަޅާނުލާ ދޫކޮށްނުލާނެ ކަމަށް ވިދާޅުވިއެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަބަދަށް ގެއްލިގެންދާއިރު ދިވެހި ރައްޔިތުން ދޫކޮށް ނުލާނެ ކަމަށް ވިދާޅުވިއެވެ.


