މިއަދު ދިވެހި ޗެނަލަށް 5 އަހަރު ފުރޭއިރު މި ޗެނަލަށް އެންމެ ގިނަދުވަހު ހިދުމަތް ކުރި މީހުންގެ ތެރޭގައި ހިމެނޭ މަރިޔަމް ނަޒްމާ ދިވެހިޗެނަލާ ގުޅުނީ 2020 ވަނަ އަހަރުގައެވެ. ނަޒްމާ އާންމު ނަމުން (ނަޒް) ދިވެހިޗެނަލުގައި ކުރާ މަސައްކަތުގެ ތެރޭގައި ޚަބަރު ކިއުމާއި، ޕްރޮގްރާމް ހުށަހެޅުމާއި، ޕްރްގްރާމް އުފެއްދުމުގެ އިތުރުން ރިޕޯޓް ތައްޔާރުކުރުންވެސް ހިމެނެއެވެ.
މަރިޔަމް ނަޒްމާ /ފޮޓޯ: އަލީ ފާރިޝް، ދިވެހިޗެނަލް
ކޮންމެ ރަމަޟާން މަހެއްގައި ދިވެހިޗެނަލުން ގެންނަ ފަނާރު ޕްރޮގްރާމާއި، ކުރިން ގެނެސްދިން ހެލްތްކެއާރ އަކީ ވެސް ނަޒްގެ އަމިއްލަ އުފެއްދުންތަކެވެ. ހާއްސަކޮށް ސިއްހީ ދާއިރާއާގުޅޭ ގޮތުން ބޮޑެތި ރިޕޯޓްތައް ތައްޔާރުކުރާ ނަޒްގެ އަޑުގެ ރީތި ކަމާއި ފަށުވިކަން އެއީ މުޅި ދިވެހި ޗެނަލާއި، ބެލުންތެރިންގެ ހިތުގައި ނަޒްއަށް ހާއްސަ ގަދަރެއް ދެވިފައިވާ ކަމެކެވެ. ފަރިތަކަމާއެކު އަޑުއަހާލަން ފަސޭހަ އަޑަކުން ޚަބަރު ކިއުމާއި، ރިޕޯޓް ހުށަހެޅުން މިއީ މި ޗެނަލުގައި ނަޒްގެ އެންމެ ފަހަގަކޮށްލެވޭ ހުނަރުތަކެވެ.
ނަޒް މާލެ ބަދަލުވީ އޯލެވެލް ނިންމުމަށްފަހު އޭލެވެލް ހެދުމަށެވެ. އެއަށްފަހު މެލޭޝިއާއިން ބެޗެލަރސް ޑިގްރީ އިން ބިޒްނެސް އެޑްމިނިސްޓރޭޝަން އަދި އެއަށްފަހު މާސްޓަރްސ އިން ބިޒްނެސް އެޑްމިނިސްޓްރޭޝަން ޙާސިލްކުރީ މެޕްސް ކޮލެޖުންނެވެ. އެންމެ ކުޑައިރުގެވެސް ހުވަފެނަކީ ޚަބަރު ޕްރެޒެންޓް ކުރުން ކަމަށްވިޔަސް އެ ފުރުސަތު އޮތީ އޭރު ހަނިވެފައި ކަމަށް ނަޒް ބުންޏެވެ. ނަމަވެސް އޭރުވެސް އެހެން ވަޒީފާއެއް އަދާކުރަމުން ދިޔަ ނަމަވެސް، ނަޒް ހުރީ ފުރުސަތަކަށް ބަލަބަލައެވެ.
ދިޓީވީން މީހުންގެ މަގުބޫލުކަން ހޯދި ދިވެހިޗެނަލްގެ އިސްރޯލެއް މިހާރުވެސް އަދާކުރަމުންދާ އަދި އާސަންދަ ކުންފުނީގެ މިޑިއާ އޮފިސަރު އާޝިޔާ ޞާލިހް އާ ބައްދަލުވެ ދެކެވުނު ވާހަކައެއްގެ ތެރެއިން، ޕްރެޒެންޓަރަކަށް ވުމަށް ޝައުގު ހުންނަ ވާހަކަ ބުނުމުން، އާޝި ދިން ފުރުސަތެއްގައި ދިވެހި ޗެނަލަށް ޕާރޓް ޓައިމް ވަޒިފާއެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައިވަނީ ހިތުންރުހުމުން ކަމަށާއި، އެދުވަހަށްފަހު ކުޑައިރުގެ ހުވަފެން ހަގީގަތަކަށްވީކަމަށް ނަޒް ބުންޏެވެ.
ދިވެހިޗެނެލުގައި ނަޒް މަސައްކަތްކުރާތާ މިހާރު ވަނީ 4 އަހަރުވެފައެވެ. ނަޒް ބުނީ އޭނާ ޗެނަލުގައި މަސައްކަތްކުރަނީ ވަރަށް ކުރާހިތުން ކަމަށެވެ. އުއްމީދަކީ ދިވެހި ޗެނެލަށް އުފާ ފާހަގަތި ދުވަސްތަކެއް ކަމަށާއި، އުއްމީދެއް އޮތިއްޔާ ދިރުމެއްވާނެ ފަދައިން އޭނާގެ އުއްމީދުތައް ގުޅިފައިވަނީ ދިވެހިޗެނަލާއި މުޅި ޓީމަށް ހިތުގެ ފުންމިނުން ޝުކުރުވެރިވާ ކަމަށެވެ.