ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް، ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ވޮލީބޯލް ރެފްރީން ތަމްރީނުކޮށް، ސެޓްފިކްޓް ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި ގުޅިގެން މެއި 24 އިން ޖޫން 2 ގެ ނިޔަލަށް މާލެ ސިޓީގައި ހުންނަ އެމްއެންއައިއެސްގެ ސެމިނާ ރޫމުގައި ކުރިއަށް ގެންދިޔަ މި ކޯހުގެ ބައިވެރިންގެ ތެރެއިން 10 ބައިވެރިއަކު ވަނީ ކޯސް ފުރިހަމަކޮށް، ސެޓްފިކްޓް ހާސިލްކޮށްފައެވެ. މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް ރައްޒާގު އިބްރާހީމެވެ. އަދި މި ރަސްމިއްޔާތުގައި ވީއޭއެމްގެ ނައިބު ރައީސް ޝިޔާމް އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ބައިވެރިންނާއި މުހާތަބުކުރައްވައި ސްޓޭޓް މިނިސްޓަރ ރައްޒާގު ދެއްކެވި ވާހަކަފުޅުގައި ވަނީ ކޯހުން ހޯދި ސެޓްފިކެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ.
"ސެޓްފިކެޓަކީ ގޭގައި ބާއްވާ އެއްޗަކަށްވުރެ ބޮޑަށް ވޮލީގެ މައިދާނަށް ނިކުމެ ވަޑައިގެން ތިބޭފުޅުން އައު ޖީލެއް ބިނާކޮށްދެއްވުމަކީ އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަސް." ރައްޒާގު ވިދާޅުވިއެވެ.
މި ކޯހުގައި ކިޔަވައިދެއްވީ ވޮލީބޯލް ރެފްރީސް ކޮމިޝަންގެ ޗެއަރޕާސަން ހުސެއިން ހަމީދެވެ.
އެމްއެންއައިއެސް އިން އަންނަނީ ތަފާތު އެކި ކުޅިވަރުގެ ރޮނގުން ޒުވާން ކޯޗުންނާއި ރެފްރީން ތަމްރީނު ކުރަމުންނެވެ.