ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް ގެންނަ ބިދޭސީންގެ އަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.
މިއީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް" ގެނައި އިސްލާޙެކެވެ. ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ބިދޭސީން އެތެރެކުރުމަށް މީގެ ކުރިން ކޮންމެ ބިދޭސީއަކަށް 2000 ރުފިޔާގެ ކޯޓާ ފީއެއް ދައްކަން ޖެހެއެވެ. މި ފީއަކީ 12 މަސްދުވަހުގެ ތެރޭގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ތަނަކަށް ދައްކާ ނިންމަންޖެހޭ ފީއެކެވެ. ނަމަވެސް އާ އިސްލާޙާއެކު، 20 އަށްވުރެ މަދުން ބިދޭސީން ގެންގުޅޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މި ފީ ދައްކާކަށް ނުޖެހޭނެއެވެ.
ގަވާއިދަށް ގެނައި އިސްލާޙުގައިވާ ގޮތުން، މި އިސްތިސްނާ ދެވޭ ކުންފުންޏަކާ ގުޅުންހުރި ވިޔަފާރީގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނިގެން އުފައްދާފައިވާ އެހެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކަށް މި ލުޔެއް ނުލިބޭނެއެވެ. އަދި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުންވެސް 20 އަށްވުރެ ކޯޓާ އިތުރުކުރާ ޙާލަތުގައި، 21 ވަނަ ސްލޮޓުން ފެށިގެން އިތުރުވާ ކޯޓާތަކަށް ކޯޓާ ފީ ދައްކަން ޖެހޭނެއެވެ.
މީގެއިތުރުން، މި އިސްލާޙު ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން، މީގެ ކުރިން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބޭނުންކޮށްފައިވާ ކޯޓާތަކަށް ދައްކަމުންދިޔަ ފީ ދެއްކުންވެސް ހުއްޓާލާނެ ކަމަށް ސަރުކާރުން ވަނީ ބަޔާންކޮށްފައެވެ.
އަލަށް ގެނެވުނު އިސްލާހުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ވަރކް ޕަރމިޓް ފީ ނުދައްކާ ފަރާތްތަކުން، ފީ ނުދެއްކޭ ސަބަބުން ބަޔާންކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފީގެ މުއްދަތު ހަމަވުމުގެ ކުރިން ހުށައެޅުމުން، ޙާލަތްތަކަށް ރިޢާޔަތްކޮށް، ފީ ދެއްކުމަށް އިތުރު އެއް މަސްދުވަހުގެ މުއްދަތެއް ދިނުމުގެ އިޚްތިޔާރު ވުޒާރާއަށް ލިބިދޭގޮތަށްވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން އަންނަ ފަރާތްތަށް ހުއްޓުވާ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

